
މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރަން ފުލުހުން މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ރައްކާ” ޕްރޮގްރާމްގެ ހަރަކާތްތައް މިއަދު ފަށައިފިއެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ ހަރަކާތްތައް އިފްތިތާހުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
“ރައްކާ” ގެ ހަރަކާތްތަކަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ސްކޫލުތަކުގެ ދަރިވަރުންނާއި އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް އެކި ހަރަކާތްތައް ރާވައި ހިންގުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. މި އަހަރު ރޯޑްސޭފްޓީ ހަރަކާތްތަކުގައި ބޭނުންކުރާ ހޭޝްޓޭގަކީ “ރަނގަޅުކޮށްލާ”އެވެ.
ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ކަލަންޑަރެއް އެކުލަވައިލައި ތާވަލުކުރެވިފައިވާ ވަކި ދުވަސްތަކެއް ކަނޑައަޅައިގެން މުޅި އަހަރަށް ބަހާލައިގެންނެވެ. މި ހަރަކާތްތައް ކުރިއަށް ގެންދަނީ މުޅި ރާއްޖެ ހިމެނޭ ގޮތަށެވެ.
އެގޮތުން، ރައްކާ ރޯޑް ޝޯވް، ޓްރެފިކް މޮނީޓާސް ޕްރޮގްރާމް، ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ޕްރޮގްރާމް، ފަހިރާސްތާ ޕްރޮގްރާމް، ޓެކްސީ ޑްރައިވަރުންގެ ޕްރޮގްރާމް، ކުންފުނިތަކުގެ ޑްރައިވަރުންނާއި މުވައްޒަފުންގެ ޕްރޮގްރާމް، ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމް އަދި ފުލުހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމް ހިމެނެއެވެ.

