
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސަކަށް، އެ ކޮމިޝަންގެ މެންބަރުކަމުގައި މިހާރު ހުންނެވި ޑރ. އައިޝަތު ރަމީލާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ދައުރުން ބޭރުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދާ ޖަލްސާގައި ވަނީ ޑރ. ރަމީލާގެ ނަން ކޮމިޓީއަށް ފޮނުވާފައެވެ. އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ރަމީލާ އައްޔަންކުރަން މަޖިލީހުން ފާސްކުރީ، ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދި އެ މަޤާމަށް އޭނާ އައްޔަން ކުރެއްވީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާ މަޤާމުގެ މުއްދަތު ހަމަވުމާ ގުޅިގެން، މިިހާރު އެ މަޤާމު އޮތީ ހުސްކޮށެވެ. އެ ކޮމިޝަނުގައި ތިއްބަވަނީ 5 މެންބަރުންނެވެ. އެއީ ކޮމިޝަނުގެ ނައިބު ރައީސް މުޙައްމަދު ޝަފީޤް، މެންބަރު ޑރ. ޢާއިޝަތު ރަމީލާއާއި އިސްމާޢީލް ޙަބީބުއާއި އަޙްމަދު މަޤުސޫމްގެ އިތުރުން ސަމާޢު އަޙުމަދެވެ.

