
ނެޕީ ޖައްސާވަރުގެ ތުއްތު ކުއްޖަކު ގޮވައިގެން ޠަވާފްކުރާނަމަ، އެ ކުއްޖާގެ ނެޕީ ހަޑިވިނަމަވެސް ބެލެނިވެެރިޔާގެ ޠަވާޕް ޞައްޙަވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ނެޕީ ޖައްސާވަރު ތުއްތު ކުއްޖަކު ގޮވައިގެން އުމްރާކުރާނަމަ، ޠާވާފްކުރަން ފެށުމުގެ ކުރިން ކުއްޖާގެ ނެޕީ ހަޑިވެފައިވާނަމަ، އެ ނެޕީ ބަދަލުކޮށްލާށެވެ. އަދި ޠަވާފުކުރަން ފެށުމުގެ ފަހުން ނެޕީ ހަޑިވިނަމަވެސް އެކަމަކުން ގެއްލުމެއްނެތް ކަމަށާއި ޠަވާފްކުރިއަށް ގެންދެވޭނެ ކަމަށެވެ.
މީގެ އިތުރުން ބެލެނިވެރިޔާއަށް ތުއްތު ކުއްޖާގެ ނެޕީ ބަދަލުކުރަން ވަގުތު ނުލިބި، ހަޑިވެފައިވާ ނެޕީގައި ތުއްތު ދަރިފުޅު ގޮވައިގެން ޠަވާފްކުރަން ފަށަން ޖެހުނު ނަމަވެސް، އެ ޙާލަތުގައި ބެލެނިވެރިޔާގެ ޠަވާޕާއި ކުއްޖާގެ ޠަވާފް ވެސް ޞައްޙަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބެލެނިވެރިޔާއާއި ކުއްޖާގެ މައްޗަކަށް އެއްވެސް ގޯހެއް ނޯންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“ތުއްތު ކުއްޖާއަކީ މުކައްލަފަކަށް ނުވާނެ. އެ ކުއްޖާގެ އިޙްރާމްގައި ހުރެ ކުރުން މަނާކަމަކާ ގުޅިގެން، އެކުއްޖާ ވެސް ބެލެނިވެރިޔާ ވެސް އެއްވެސް ފިދުޔައެއް ދައްކާކަށް ނުޖެހޭނެ.” ވަޒީރު މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވިއެވެ.
ހަމައެހެންމެ އިހްރާމް ފޭލި ތުއްތުކުދިންގެ ސައިޒަށް ބުރިކޮށް ހަދާފައި ހުރުމަކުން އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށާއި ތުއްތުކުދިން އުމުރާގެ އަޅުކަމުގައި ބައިވެރިކުރުމަކީ ބެލެނިވެރިންނަށާއި އެ ކުދިންނަށް މާތްﷲ ސަވާބާއި ބަރަކާތް ލައްވާނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

