
ރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭނެ ގޮތަށް ހަމަޖެއްސުމަށް ނިންމައިފިއެވެ.
ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި އެކި ފޯރަމްތަކުން ލިބިވަޑައިގެންނެވި ޚިޔާލުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދާދެއްވުމުގެ ގޮތުން އިޖްތިމާޢީ ސިއްޙީ އިންޝިއުރަންސްގެ ޤައުމީ ނިޒާމް “އާސަންދަ ސްކީމް” ގެ ދަށުން ފޯރުކޮށްދެވޭ ޚިދުމަތްތަކާ ގުޅުންހުރި ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރައްވަމުން ކަމަށެވެ.
ނޫސް ބަޔާން. pic.twitter.com/uzWGqMU0ZW
— NSPA (@NSPAmaldives) December 30, 2025
އެގޮތުން މި އުސޫލު ތަންފީޒުކުރުމަށްޓަކައި، ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އުސޫލުތައް އެކުލަވާލައި އަންނަ މަހުގެ 15އިން ފެށިގެން އެފަދަ ތަންތަނުން އާސަންދައިގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރުމަށް ފެށޭނެކަމަށެވެ.
މީގެ އިތުރުން އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ވަނީ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލްގައި އައިނު ފިހާރާތައް ވެސް ހުޅުވާފައެވެ. އަދި އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީ ވެސް ވަނީ ބޮޑުކޮށްފައެވެ.
ހަމައެހެންމެ، ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުންއައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެން ނަމަވެސް މި އަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

