
މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރު ޢަބްދުލް ފައްތާހު ނިޔާވުމާއި ގުޅިގެން، އޭނާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ދަންނަވައިފިއެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓު ކުރުމުގެ ރޮނގުން ޤައުމީ ޚިދުމަތުގެ އިނާމު ހާސިލްކުރައްވާފައިވާ ފަންނުވެރިއެއްކަމުގައިވާ ފައްތާޙް ނިޔާވުމުގެ ހިތާމައިގައި އެ ޢާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުންއެދި އެމަނިކުފާނު ވަނީ ދުޢާދަންނަވާފައެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރެއްވުމުގެ ރޮނގުން ޤައުމީ ޚިދުމަތުގެ އިނާމު ޙާޞިލްކުރައްވާފައިވާ ފަންނުވެރިއެއްކަމުގައިވާ ޢަބްދުލްފައްތާޙް ޢަބްދުލްޤައްޔޫމް އަވަހާރަވުމުގެ ހިތާމައިގާ، އެ ޢާއިލާއަށް ތަޢުޒިޔާ… pic.twitter.com/RQED6LSccv
— Dr Mohamed Muizzu (@MMuizzu) December 30, 2025
ފައްތާޙު ނިޔާވިއިރު ޢުމުރުން 54 އަހަރެވެ. އޭނާ ނިޔާވީ، އިއްޔެ ކުއްލިއަކަށް ހާޓް އެޓޭކް ޖެހި، ފަރުވާއަށް ދިއްދޫއަށް ދަތުރު ކުރަމުން ދަނިކޮށް ކަނޑުމަތީގައެވެ.
ފައްތާޙަށް ވަނީ 2004ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައެވެ. އަދި 2007ވަނަ އަހަރު މިއަދު ކްރިސްޓަލް އެވޯޑުގެ ބެސްޓް އެޑިޓިން އަދި ބެސްޓް ޑަައިރެކްޓަރުގެ އެވޯޑު ވެސް ވަނީ ލިބިފައެވެ. މީގެ އިތުރުން އޭނާއަށް ވަނީ 4 ވަނަ ޤައުމީ ފިލްމު އެވޯޑުގައި ބެސްޓް ސްކްރީން ޕްލޭ ބެސްޓް އާޓް ޑިރެކްޝަން އަދި ބެސްޓް މޭކަޕް ވެސް ލިބިފައެވެ.

