
ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ހުޅުމާލެއިން ޓޯކުރި އުޅަނދުތަކުގެ ތެރެއިން 105 އުޅަނދެއް، އެ އުޅަނދުތަކުގެ ވެރިފަރާތާ ޙަވާލުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލޭގެ ޕާކިންގ ތަރުތީބުކުރުމަށް ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގެ މަގުތަކާއި ހުސްބިންތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތައް، އަދި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯކޮށްފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 787 އުޅަނދެއް ޓޯކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ޓޯކޮށްފައިވާ އުޅަނދުތައް ދޫކުރުމުގެ އިދާރީ ކަންކަން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުގައި ހުންނަ ޓްރެފިކް ކައުންޓަރުން ކުރިއަށް ގެންދާނެ ކަމަށާއި ޓޯކުރެވޭ އުޅަނދުތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ވަކި މިންގަނޑުތަކަށް ބެލުމަށްފަހު ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.
އެގޮތުން، އުޅަނދުުގެ ވެރިފަރާތުން އެއްގަމު ދަތުރު ފަތުރުގެ ޤާނޫނޫގެ ދަށުން ނުވަތަ އެޤާނޫނުތަކުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ، އެޖޫރިމަނާއެއް ބަލައިގަތުމަށް ކަނޑައަޅާފައިވާ އިދާރާއަކަށް، ޖޫރިމަނާ ފައިސާ ދެއްކިކަމުގެ ލިޔުމާއި ރަޖިސްޓްރީކޮށްފައިވާ ޒޯނަށް ގެންދިއުމަށް ޔަގީންކުރާ ލިޔެކިޔުން ހުށަހަޅާފައިވޭތޯ ބެލޭނެ ކަމަށެވެ.
ހަމައެހެންމެ ރަޖިސްޓްރީނުކުރާ އުޅަނދެއްނަމަ އުޅަނދު ވަގުތީ ގޮތުން ބޭއްވުމަށް ބޭނުންވާ ތަނުގެ ވެރިފަރާތުގެ ލިޔުމަކާއި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނުން ވަކި ގަރާޖަކަށް ހުއްދަ ނަގައިގެން އެތެރެކޮށްފައިވާ އުޅަނދެއްނަމަ، އެގަރާޖަށް ގެންދިއުމަށް ކަށަވަރުކުރާ ލިޔެކިޔުންތައް ވެސް ހުށަހަޅަންޖެހޭނެ ކަމަށް ފުލުހުން ބުނެއެވެ.

