
ހުޅުމާލޭގައި ހިންގާ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް، މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ޓޫރިސްޓް ޕޮލިހާއި ނެއިބަހުޑް ޕޮލިސް ގުޅިގެން، މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި ޑިސެމްބަރު 29ވަނަ ދުވަހު ކަމަށެވެ. އަދި މި ޕްރޮގްރާމަކީ ހުޅުމާލޭގައި ފަތުރުވެރިން ނިވާކަންކުޑަ ހެދުން އަޅައިގެން ބީޗުގައި އުޅޭ މައްސަލަ ހުއްޓުވުމަށް ގެސްޓުހައުސްތަކުގެ ވެރިން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގުނު ޕްރޮގްރާމެއް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ފަތުރުވެރިން ނިވާކަންކުޑަ ހެދުމުގައި މޫދަށް އެރުމާއި ބީޗުގައި ހަރަކާތްތެރިވުން އިތުރުވަމުން އަންނާތީ، އެކަން އެގޮތަށް ނުކުރުމަށް ފަތުރުވެރިންނަށް މައުލޫމާތު ދިނުމަށާއި، ބީޗުގައި އުޅޭއިރު އަގުބޮޑެތި މުދަލަށް ސަމާލުވުމަށް ފަތުރުވެރިންނަށް އަންގައިދިނުމަށް ވެސް ފުލުހުން ވަނީ މި އިރުޝާދު ދީފައިވެއެވެ.
ހަމައެހެންމެ މި ދުވަސްވަރަކީ ހައި ސީޒަން ދުވަސްވަރަށްވުމާ އެކު ބުކިންގގެ ހެދުމުގައި އިތުރަށް ވުމަށާއި ފަތުރުވެރިންނަށް ރަނގަޅު އިރުޝާދު ދިނުމުގެ އިތުރުން ފައިސާގެ މުޢާމަލާތްތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ވެސް ދުރާލައި ކުރުމަށާއި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް ވެސް ފުލުހުން ވަނީ މި ޕްރޮގްރާމުގައި އިރުޝާދު ދީފައިވެއެވެ.

