
އަންނަ ރޯދަމަހުގެ 27 ވިލޭރޭ ބާއްވާ ހާފިޒުންގެ ދަސްވެނިވުމުގެ ހަފްލާގައި 30 ހާފިޒުން ދަސްވެނިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހާފިޒުންގެ ދަސްވެނިވުމުގެ ހަފްލާއެއް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުއެވެ. އެ ޖަލްސާގައި، ކޮންމެ އަހަރެއްގެ ރޯދަމަހުގެ 27 ވިލޭރޭ ހާފިޒުންގެ ދަސްވެނިވުމުގެ ހަފްލާ އޮންނާނެ ކަމަށް މިނިސްޓަރު ވަނީ އިއުލާނުކުރައްވާފައެވެ.
މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ މިއަހަރުގެ މިހާތަނަށް 21 ކުއްޖަކު ގުރުއާން ހިތުދަސްކޮށް، އިމްތިހާނު ހަދާފައިވާ ކަމަށެވެ. އަދި 7 ކުއްޖަކު މިހާރު އިމްތިހާނު ހަދަމުންދާއިރު، 1 ކުއްޖަކު އިމްތިހާނު ހެދުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މިދިޔަ އަހަރަށްވުރެ ގިނަ ހާފިޒުން މިއަހަރު ދަސްވެނިވާނެއެވެ. މިދިޔަ އަހަރު ދަސްވެނިވެފައިވަނީ 24 ހާފިޒުންނެވެ.
އަދި އަންނަ އަހަރު 42 ހާފިޒަކު ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

