
އަންނަ އަހަރު ވެގެންދާނީ އިސްލާމިކް މިނިސްޓްރީއަށް ވަރަށް ކާމިޔާބު އަހަރަކަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މި ފަދައިން ވިދާޅުވީ، އަންނަ އަހަރުގެ އެކްޝަން ޕްލޭނާއި އެކްޓިވިޓީ ކަލަންޑަރު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޝަހީމް ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ފާއިތުވެދިޔަ ދެ އަހަރު ކުރެވުނު މުހިއްމު މަސައްކަތްތަކުގެ ހަގީގީ މަންޒަރު ފެނިގެންދާނެ ކަމަށާއި މިނިސްޓްރީން ކުރިއަށް ގެންދާ މުހިއްމު ޕްރޮގުރާމުތަކަށް ވެސް އިތުރު ކުރިއެރުންތައް އަންނާނެ ކަމަށެވެ.
އެގޮތުން މިހާރު ފެށިފައިވާ ވަގުފު މަޝްރޫއުތަކުގެ ޙަޤީޤީ މަންޒަރު ފެނިގެންދިއުމާއި، ބިންގާ އެޅިފައިވާ މިސްކިތްތަކުގެ މަސައްކަތްތަކުގެ ބޮޑުބައި ނިމިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޒުވާން ޚަތީބުންގެ ޕްރޮގުރާމުގެ އިތުރު ބުރުތަކާ އެކު އިތުރު ޒުވާން ޚަތީބުންތަކެއް އުފެދިގެންދިއުން ވެސް ވެގެންދާނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ކަމައް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ އެކްޝަން ޕްލޭނެއް ހަދައި، ޕްލޭނާއި އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ފާއިތުވެދިޔަ ދެ އަހަރު ވެސް މިނިސްޓްރީގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިވިފައި ވަނީ މުވައްޒަފުންގެ ބުރަ މަސައްކަތްތަކާއި އެކުކަން ފާހަގަކުރައްވާ ވަޒީރު ވަނީ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަންނަަ އަހަރު އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންގެ ކުރިއެރުމަށް ތަފާތު އެކި ޕްރޮގުރާމުތަކާއި ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ވަޒީރު ޝަހީމް ދެއްވިއެވެ.

