
ޔޫރަޕުގެ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން، 2022 ވަނަ އަހަރު ފުލުހުން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރު ގެ މައްޗަށް އުފުލާފައިވާ 3 ދައުވާއެއް ސާބިތުވެ 23 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
2015ވަނަ އަހަރުން ފެށިގެން 2022ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6ވަނަ ދުވަހާހަމައަށް ތަފާތު އެކި ދުވަސްމަތިން، އެކި ނަންނަމުގައި ޝޯޝަލް މީޑިއާގެ އެޕްލިކޭޝަންތަކުގައި އައިއެސްއަށް ތާއީދުކޮށް އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގެ އިތުރުން، ޓެރަރިޒަމްއާ ގުޅުން ހުރި ވަކި ވަކި ޢަމަލުތަކަށް ރިޢާޔަތްކޮށް، 5 ދަޢުވާއެއް މިއަހަރުގެ އޭޕްރީލް މަހުގެ 18ވަނަ ދުވަހު، ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
ހަމައެހެންމެ، މި މައްސަލާގައި އޭނާގެ މައްޗަށް 3 ދަޢުވާ ސާބިތުވި ނަމަވެސް އަނެއް 2 ދަޢުވާ ސާބިތު ނުވާކަމަށް ވަނީ ކަނޑައަޅާފައެވެ. އެއީ އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދައުވާއެވެ.
އެގޮތުން ހޫދުގެ މައްޗަށް ޓެރަރިސްޓް ޖަމައާތެއްގެ މެންބަރަކަށްވުމުގެ ކުށުގައި އުފުލި ދައުވާ ސާބިތުވެ 15 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައިވެއެވެ. އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގައި އުފުލި ދައުވާ ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
މީގެއިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގައި އުފުލި ދައުވާ ސާބިތުވުމުން 3 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މިއާ އެކު އޭނާއަށް ވަނީ ޓެރަރިޒަމްގެ ތިން ދައުވާއެއް ސާބިތުވެ 23 އަހަރުގެ ޖަލު ޙުކްމްއެއް އިއްވާފައެވެ.

