
ރާއްޖެއަށް އެތެރެކުރި މުދާތަކެއްގެ ތެރޭގައި، ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މަހުގެ 25ވަނަ ދުވަހު ކަސްޓަމްސް އިން ބަލައިފާސްކުއިރު މުދާތަކެއްގެ ތެރެއިން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހުރި ފުޅިތަކެއް ފެނިފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހއ. ހޯރަފުށި / އާފިޔާ، އަޙްމަދު ޢަލީ (47އ)، އަދި ގދ. ތިނަދޫ / ގޯލްޑަން ހައުސް މުޙައްމަދު ޢާދިލްް (57އ) ކަމަށެވެ.

މި ދެމީހުންގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށާއި މުޙައްމަދު ޢާދިލް ހައްޔަރުކޮށްފައި ވަނީ އިއްޔެ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ތަކެތީގެ އަގު 32 މިލިއަން ރުފިޔާއަށްވުރެ މަތިވާނޭ ކަމަށް ބެލެވޭ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައި ކަމަށާއި މިމައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ތަޙްޤީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

