
ފަހި ދިރިއުޅުން ކޯޕަަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި 4،000 ހައުސިން ޔުނިޓުގެ ހައްގުވެރިންގެ ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ޝަރުތު ފުރިހަމަނުވާ 450 މީހެއްގެ އަތުން ފުލެޓު އަތުލެވުނު ކަމަށް ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ފުލެޓުތައް ދިނީ ކުރީ ސަރުކާރުން ވެރިކަން ބަދަލުވާން ކުޑަތަންވެފައިވަނިކޮށް ނެރުނު ފުލެޓު ލިބުނު މީހުންގެ ލިސްޓާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެއިރު ހައްގުވެރިންގެ ގޮތުގައި ކަނޑައެޅި ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ފުރިހަމަނުވާ މީހުން ފިޔަވައި އެއްވެސް މީހެއްގެ އަތުން ފުލެޓު އަތުލާފައިނުވާނެ ކަމުގައި މިނިސްޓާރ ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ފުލެޓު ދިނުމުގައި އަސާސީ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ އެންމެ ޝަރުތެކެވެ. އެއީ 15 އަހަރަށްވުރެ ދިގު މުއްދަތެއް މާލޭގައި ދިރިއުޅުމެވެ. އެ ޝަރުތު ފުރިހަމަވާކަން ސާބިތުކުރުމަށް ހުށަހެޅޭނެ ލިޔެކިޔުންތައް އެއިރު ބަޔާންކުރިއެވެ.
އެހެން ނަމަވެސް މިނިސްޓާރ ވިދާޅުވީ، ފުލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު ރިވީއުކުރުމުގެ ތެރެއިން އަަސަސީ ޝަރުތު ފުރިހަމަނުވަނީސް 450 އަށްވުރެ ގިނަ މީހުންނަށް ފުލެޓު ދީފައިވާކަން ފާހަގަކުރެވުނުކަމަށާއި، އެ ފަރާތްތަކުގެ އަތުން ފުލެޓު އަތުލާފައިވާނެކަމަށެވެ.
މިނިސްޓާރ އިތުރަށް ވިދާޅުވީ މިހާރު ފުލެޓު ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދާއިރު އިތުރަށް ފޯމުތައް ރިވީއުކޮށް އަސާސީ ޝަރުތު ފުރިހަމަވާކަަން ކަށަވަރުކުރުމަށް މަސައްކަތްކުރާނެއެވެ.
ފުލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 3،879 ފަރާތަކާއެކު މިހާރު އެއްބަސްވުން ހަދާފައިވާއިރު ސަރުކާރުން މަސައްކަތްކުރަމުންދަނީ އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް ފުލެޓު ލިބުނު ހުރިހާ އެންމެނަށް އެތަންތަނުގެ ތަޅުދަނޑި ހަވާލުކޮށް ނިންމުމަށެވެ.

