
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް 2 އަހަރު ދުވަސްތެރޭ ތަންފީޒު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި، ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި، އެ ދާއިރާގެ ކުރިއެރުވުމަށް މެނިފެސްޓޯގައި ހިމަނައިފައިވާ ކަންކަމާއި، ސަރުކާރުން އެ ދާއިރާއާ ގުޅޭ ގޮތުން ކުރިއަށް ގެންދާ އެކި ކަންކަމުގެ ނަތީޖާ ބައްޓަން ކުރުމަށް، ކެބިނެޓުން މިދިޔަ ބުދަ ދުވަހު ގިނަ ކަންތައްތަކެއް ނިންމައިފައިވާ ކަމަށެވެ.
އެގޮތުން، ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި އިއުލާނުކުރި ކަންކަމުގެ އިތުރުން، ކުރިއަށް އޮތް 2 އަހަރަކީ އެ ވިޔަފާރިތަކަށް ހާއްސަ ކަންކަން ތަންފީޒު ކުރެވިގެންދާނެ 2 އަހަރުކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އޭގެތެރެއިން ބައެއްކަންކަން އަންނަ މަހުގެ 1ވަނަ ދުވަހުން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށެވެ. އެކަންކަމުގެ މައުލޫމާތު ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކުން އިއުލާނު ކުރާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ އެފަރާތްތަކުގެ ޝަކުވާތައް އައްސަވައިފައެވެ. ބައެއް ކަންކަމަށް ވަގުތުން ހައްލު ގެނެސްދީފައިވާއިރު، ދެން ހުރި ކަންކަމަށް ވެސް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައިވެއެވެ.

