
ދަންވަރު މާލެ އަށް ލޮޅުމެއް އައިކަން ގިނަ ބަޔަކަށް އިހުސާސްވިއެވެ. އެކަމަކު ދުވަހަކު ވެސް ތަޖުރިބާކޮށްފައިވާ ކަމަކަށް ނުވާތީ ގިނަ ބަޔަކަށް ދެން ވާން އުޅޭ ގޮތުގެ އިހުސާސެއް ނެތެވެ. ދުވަހަކަކީ ކްރިސްޓިއަނުންގެ ކްރިސްމަންސްގެ “މަޖާގަނޑަ” އަށް ފަހު ރިސޯޓްތައް ވެސް ނިދާފައި އޮތް ވަގުތެވެ. އެހެންވެ އެންމެން ތިބީ ނިދީގައެވެ. ނަމަވެސް ހެނދުނު 9.30 އެހާއިރު ރާއްޖޭގެ ވެރިރަށް މާލޭގެ ތޮށީގެ އެތެރޭގައި ހުރި ލޮނުގަނޑު ހިކެން ފެށިއެވެ. އެވަގުތު ފަޅުއޮޑި ފަހަރުގައި ތިބި މީހުން ތިބީ ވާނުވާގައެވެ. މިނެޓުކޮޅަކަށް ފެންގަނޑު ދަމާލުމަށް ފަހު އުތުރު އަރައިގަތް ލޮނުގަނޑު މާލެ ވަށިގެންވާ ތޮޅިގަނޑު މަތިން މާލެ ތެރެއަށް ބަންޑުންކޮށްލިއެވެ. އިސާހިތަކު މާލޭގެ ވަށައިގެންވާ މަގުތަކާއި ގުޅިފައިވާ ގޯޅިތައް ފެންބޮޑުކޮށްލިއެވެ.
މި ހުރިހާކަމެއް ވެރިރަށުގައި ހިނގަމުން ދިޔައިރު، ރާއްޖޭގެ މީހުން ދިއުޅޭ ރަށްތަކުގެ ބޮޑުބައި އޮތީ އެއަށްވުރެ މާބިރުވެރި ހާލަތެއްގައެވެ. ފޯނުގެ ހިދުމަތް ކެނޑިއްޖެނައެވެ. ތ. ވިލުފުއްޓާއި މ. ކޮޅުފުށި އަދި ރ. ކަނދޮޅުދޫ ފަދަ ރަށްތަކުގެ ހާލަތު ވަރަށް ގޯހެވެ. ރާއްޖޭގެ 13 ރަށަކަށް ސުނާމީގެ ރާޅުތައް އަރައިގެން އައި ބާރު މިނުގައި 82 ފުރާނައެއް ގެއްލިގެން ދިޔައެވެ. ސުނާމީއަށް މިއަދަށް 21 އަހަރު ފުރިގެންދާއިރު، އެ ހަނދާންތައް އަދިވެސް މިއަދުވީކަމެއްހެން މިކަން ތަޖުރިބާކުރާ މީހުން އެބަތިބިއެވެ.

ސުނާމީގައި 82 މީހުން މަރުވެ، 26 މީހުން ގެއްލުނެވެ. ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 62 އިންސައްތަ އާ އެއްވަރުގެ ގެއްލުން ލިބުނެވެ. 13 ރަށަކުން މީހުން މުޅިން ހުސްކުރަން ޖެހުނުއިރު، ބައެއް ރަށްތައް އާބާދު ނުކުރެވޭ ވަރަށް ސުންނާފަތިވިއެވެ.
އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ ވިލުފުށިންނެވެ. އެ ރަށުން 18 މީހުން މަރުވިއިރު، ދެން އެންމެ ގިނަ ބަޔަކު މަރުވި މ. ކޮޅުފުށިން 16 މީހުން މަރުވިއެވެ.
މި ހާދިސާއާ އެކު ސަރުކާރުން ވަނީ އެތަށް ބަޔަކަށް ގިނަ ދުވަސްތަކެއް ވަންދެން އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މި ދުވަސް ސަރުކާރުން ފާހަގަ ކުރަނީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. ސަބަބަކީ މި ހާދިސާއިން ފެނިގެން ދިޔައީ އެކަކު އަނެކަކަށް އެހީވުމުގެ ރީތި ސިފައެވެ.

