
ތިން އަހަރު ފުލްޓައިމްކޮށް ކިޔެވުމުން ނޫނީ ރާއްޖޭގައި ހަދާ ޕީއެޗްޑީ ގަބޫލުނުކުރާ ގޮތަށް ހަދައިފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން މިއަދު ބުނީ ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ނުވަތަ ޕީއެޗްޑީ ޕްރޮގްރާމްތަކުގެ މުއްދަތާއި ޕްރޮގްރާމް ޑެލިވާކުރާ ގޮތާ ގުޅޭ ގޮތުން އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް މި ވަގުތު ނެތް ނަމަވެސް، ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރުމާ ގުޅޭ މިންގަނޑެއް ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންވެ ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލުގައި ބަޔާންކުރާ މިންގަނޑު ރާއްޖޭގައި ނުވަތަ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަރުކަޒަކާ ގުޅިގެން ހިންގޭ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކަށް ތަތުބީގުކުރުމަށް އެމްކިއުއޭގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން ނިންމައިފައިވާކަމަށް އެ އިދާރާއިން ބުންޏެވެ.
އެ އުސޫލާ އެއްގޮތަށް އެމްކިއުއޭއިން ޕީއެޗްޑީގެ ފުލްޓައިން މުއްދަތުކަމަށް ބަލާނީ، މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތެވެ. އަދި ޕާޓްޓައިމްގެ މުއްދަތުކަމަށް ބަލާނީ، މަދުވެގެން ފުލް ޓައިމް މުއްދަތުގެ ދެ ގުނަ މުއްދަތެވެ.

