
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު މިއަދު ބަންދުން ދޫކޮށްލައިފިއެވެ.
މިދިޔަ މާރިޗު މަހުގެ 21ވަނަ ދުވަހުގެ ރޭ ޝަމްއާން ހައްޔަރުކޮށްފައި ވަނީ އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލަން އިރުޝާދުދީ، އެމީހާގެ އަތުގައި ހުރި 5 ލައްކަ ރުފިޔާ ހޯދިކަމުގެ ތުހުމަތުގައެވެ.
ޝަމްއާންގެ މައްޗަށް ދައުވާކޮށް މިހާރު ޝަރީއަތް ހިންގަމުންދާއިރު، އޭނާ ބަންދުން ދޫކޮށްލާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެގޮތަށް އެދުމުންނެވެ.
އެ އޮފީހުން ކޯޓުގައި އެގޮތަށް އެދުނު ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ، މައްސަލައިގައި ހިމެނޭ މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ނެތުމުންނެވެ.
އޭނާ ދޫކޮށްލަން އަމުރުކޮށްފައި ވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކާ ވެސް އެކީގައެވެ. ކޯޓުން ކުރި އިތުރު ޝަރުތުތަކުގެ ތެރޭގައި، ކޯޓަށް ހާޒިރުވުމާއި، ހެއްކަށް ނުފޫޒު ނުފޯރުވުން ހިމެނެއެވެ.

