
ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އާ އެކު ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުރުމަކީ ނުވަތަ އެކީގައި ސިޔާސީ މަސައްކަތް ކުރުމަކީ އެންމެ އެދޭ ގޮތްކަމަށް ކުރީގެ ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެ ދެބޭފުޅުން އެކީގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް އެމްޑީޕީގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރައީސް ޔާމީންއާ އެކު ވެސް ސިޔާސީ މަސައްކަތް ކުރެވޭނެ ކަމަށާއި ރައީސް މައުމޫނާ އެކު ވެސް އެމްޑީޕީން ވާނީ ސިޔާސީ މަސައްކަތް ކޮށްފައިކަމަށެވެ.
މިހާރު ޤައުމު މިއޮތް ޙާލަތުން ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި. އެކަންތައްތައް ކުރުމުގައި ރައީސް ޔާމީންގެ ހިއްސާއެއް އައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އޮންނަން އެދޭ ކަމެއް،” ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން ޞާލިޙު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް ނަޝީދުއާ އެކު އެމްޑީޕީދާނީ ކުރިއަށް ކަމަށާއި ޕާޓީ ތެރޭގައި އުފެދޭ ބައިބައިވުންތަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ.
އެމްޑީޕީގެ ޓިކެޓުގައި މޭޔަރުކަމަށް ދެ ކެންޑިޑޭޓަކު ނިކުވެފައިވެއެވެ. އެއީ ޢަލީ އާޒިމްއާއި އާދަމް އާޒިމެވެ. ރައީސް ނަޝީދު ހުންނެވީ ޢަލީ އާޒިމްގެ ގެ ފަޅީގައެވެ. އަދި ޞާލިޙު ހުންނެވީ އާދަމް އާޒިމް ހުންނެވި ފަޅީގައެވެ.

