
ޓޫރިޒަމް ސީޒަނަށް ރާއްޖެ ވަންނަމުންދާއިރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. މިއާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތްތައް ވަރުގަދަ ކުރަން ވެސް އެމްއޭސީއެލްއިން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާތަނަށް 37 އެއާލައިނެއް ވަނީ އާ ޓާމިނަލްއަށް ދަތުރުތައް ބަަދަލުކޮށްފައެވެ.
އެމްއޭސީއެލް އިން ޓާމިނަލް 1 އަށް އެންމެ ފަހުން މަރުހަބާ ކިޔާފައި ވަނީ ގަތަރު އެއާވޭސް އިންނެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ގެންނަ މި އެއާލައިނުން ފުރި 162 ފަސިންޖަރުންނަށް ވަނީ ހަދިޔާއެއް ވެސް ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ގަތަރު އެއާވޭސްގެ ފުރަތަމަ ފްލައިޓް, QR674 އިން ރާއްޖެ އައީ 222 ފަސިންޖަރުން ގޮަވައިގެންނެވެ.
ގަތަރު އެއާވޭސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ގަތަރުގެ ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 18 ޑިސެންބަރު 2001ގަ އެވެ. ގަތަރު އެއާވޭސް އާ އެކު ޓާމިނަލް 1 އިން މިހާރު ދަނީ 37 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.
އާ ޓާމިނަލުން މިހާތަނަށް ބައި މިލިއަން ޓޫރިސްޓުންނަށް ވަނީ މަރުހަބާ ކިޔާފައެވެ. އެމްއޭސީއެލުން ބުނީ، މި އަހަރުގެ މިނިވަން ދުވަހު ހުޅުވައި ބޭނުންކުރަން ފެށި ޓާމިނަލުން، މިދިޔަ ހޯމަ ދުވަހާ ހަމައަށް ޖުމްލަ 508،008 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ. އޭގެތެރޭގައި، ރާއްޖޭން ފުރި 252،000 ފަސިންޖަރުންނާއި ރާއްޖެ އައި 255،000 ފަސިންޖަރުން ހިމެނެއެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި އާ ޓާމިނަލުން އެންމެ ގިނަ ފަސިންޖަރުންނަަށް ހިދުމަތް ދީފައި ވަނީ އިއްޔެ އެވެ. އެގޮތުން، އިއްޔެ ހިދުމަތް ދިން 19،000 ފަސިންޖަރުންގެ ތެރޭގައި ރާއްޖޭން ފުރި 8،600 ފަސިންޖަރުންނާއި ރާއްޖެ އައި 10،800 ފަސިންޖަރުން ހިމެނެއެވެ.

