
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑުގެ އާ ޗެއާމަނަކަށް އަހުމަދު ސިއްދީގް އިއްޔެ އައްޔަންކޮށްފިއެވެ.
ސިއްދީގު މި މަގާމަށް އައްޔަން ކުރެއްވިއިރު، އޭނާ މިހާރު ވެސް ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
އެންޑީއޭގެ އެންމެ އިސްވެރިޔާގެ މަގާމު ހުސްވެފައި ވަނީ އެ މަގާމު ފުރުއްވަމުން ގެންދެވި ލުބްނާ ޒާހިރު ހުސައިން މީގެ ދެ މަހެއްހާ ދުވަސް ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ. ލުބްނާ ބަދަލުކުރެއްވި ފަހުން އެ މަގާމު އޮތީ ހުސްކޮށެވެ.
ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެންޑީއޭއަކީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯދުމަށް އުފައްދާފައިވާ މުހިންމު އިދާރާއެކެވެ. އެ އެޖެންސީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި، އޭގެ ވިޔަފާރިކުރުމާއި ޓްރެފިކް ކުރުމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ފިޔަވަޅު އެޅުން ހިމެނެއެވެ.

