
އިރުވައި މޫސުމަށް ރާއްޖެ ހިޖުރާ ކުރާ ދޫނި ހިފާ، ގެންގުޅުމަކީ މަނާކަމެއް ކަމަށާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން އިލްތިމާސްކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން ބުނީ، ކޮންމެ އަހަރަކު ވެސް މިދުވަސްވަރާ ދިމާކޮށް ހިޖުރަކުރާ ގިނަ ބާވަތްތަކެއްގެ ދޫނިތައް މަޅިފަތިޖަހައިގެން ހިފާ، ފިޔަކޮށާ އަދި ކޮށިތަކުގައި ބަންދުކޮށް ގެންގުޅޭކަމަށާއި މިފަދަ ދޫނީގެ ވިޔަފާރި ކުރުމަށާއި އޮޅުދޫނި ގޮތުގައި ހިފާ ގެންގުޅޭ ކަމުގެ މަޢުލޫމާތު އެ އޮތޮރިޓީއަށް ލިބެމުންދާ ކަމަށެވެ.
މީގެ އިތުރުން މި ދޫނިތަކަކީ އެހެން ޤައުމުތަކުން ރާއްޖެއަށް އަންނަ ދޫނިތަކަށްވުމުން މި ދޫނިތައް ހިފާގެންގުޅުމުގެ ސަބަބުން ދިވެހިރާއްޖެ ބައިވެރިވެފައިވާ ތަފާތު ބައިނަލްއަޤްވާމީ މުއާހަދާތަކާ ވެސް ޚިލާފުވާކަމަށާއި ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒްގެ ދަށުން މިފަދަ ހިޖުރަކުރާ ދޫނިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ޒިންމާއެއް ކަމަށް ވެސް އީއާރްއޭ ބުނެއެވެ.
އެހެންކަމުން، މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކަށް މިކަންކަމުން ދުރުހުހެލިވުމަށާއި، ހިފާފައިވާ ދޫނިތަށް ވެސް ދޫކޮށްލުމަށް އެއޮތޯރިޓީއިން ވަނީ އަންގާފައެވެ. ޤަވާއިދާ ޚިލާފަށް މި ފަދަ ދޫނިތައް ހިފާ ގެންގުޅޭ އަދި މި ދޫނިތައް ގަނެވިއްކާ، އެތަކެތީގެ ވިޔަފާރިކުރަމުންދާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ އޮތޯރިޓީއިން ބުނެއެވެ.
މިގޮތުން މިފަދަ ފަރާތްތަކުގެ މަޢުލޫމާތު ޙިއްސާކުރުމަށް އެ އޮތޯރިޓީއިން އެދޭކަމަށާއި އއ ފަރާތްތަކުގެ މަޢުލޫމާތު އޮތޯރިޓީގެ ހޮޓްލައިން 7980379 ނުވަތަ އީމެއިލްއަށް އަށް ހިއްސާކުރުމަށް ވަނީ އެދިފައިއެވެ.

