
ހުޅުމާލޭ ފޭސް 1 އަދި 2އިން ދޫކޮށްފައިވާ އަމިއްލަ ގޯތިތަކުގައި އިމާރާތްކުރެވޭނެ އެންމެ އުސްމިން 10 ފަންގިފިލާއަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފޭސް 1ގެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޒަމާނާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން، ވަކި ޝަރުތުތަކެއް ހިމަނައި، އެ ދެ ފޭސްއިން ދޫކޮށްފައިވާ އަމިއްލަ ގޯތިތައް، 10 ފަންގިފިލާއަށް ނަގަން ހުއްދަދޭން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެގޮތަށް އިމާރާތް ކުރެވޭނީ އެގޭގައި ދިރިއުޅޭ މީހުންނަށް ގްރައުޑްފްލޯގައި ޕާކުކުރެވޭނެ ޖާގައެއް ހިމެނުމާ އެކު، ފުރަތަމަ ފަންގިފިލާގައި ކޮމާޝަލް ޖާގައެއް ހަދައިގެންނެވެ.
އޭގެއިތުރުން، ގޯތި ލިބިފައިވާ ފަރާތްތަކަށް ފައިސާ ދައްކައިގެން ގޯތި އަމިއްލަ ކުރެވޭ ގޮތަށް އޮތްއިރު، އެގްރިމެންޓްގެ ޖުމްލަ އަގުގެ 10 ޕަސެންޓް ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިހާރު ހުޅުމާލޭގައި އަމިއްލަ ގޯތިތައް އިމާރާތްކުރެވޭ އެންމެ އުސްމިނަކީ ހަ ފަންގިފިލާއަށެވެ.
މިސަރުކާރުން ވަނީ ވިލިމާލޭގައި ވެސް 10 ފަންގިފިލާއަށް އަމިއްލަ ގޯތިތައް އިމާރާތް ކުރެވޭ ގޮތަށް ބަދަލުކޮށްފައެވެ.

