
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާ ކުރި މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވަން ނިންމައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްޖިދުލްއީމާން އަންނަ ހުކުރު ދުވަހު ހުޅުވައި، އެ މިސްކިތުގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހުޅުމާލެ ފޭސް 2ގައި އަލަށް އިމާރާތްކޮށް ނިމިފައިވާ މަސްޖިދުލްއީމާން އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށް ހުޅުވާނެ. އިންޝާ ﷲ pic.twitter.com/UIHZUd5Lyg
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 21, 2025
އަންނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ހިސާބުގައި ބިނާކުރަމުންދާ މިސްކިތްތައް ނިންމައި، ހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައިއެވެ. މީގެ ތެރެއިން މިހާރު ކުރިއަށްދާ 15 މިސްކިތުގެ މަޝްރޫޢު ހިމެނެއެވެ.

