
ބޯކޮށް ވާރޭވެހި މާލެ ސިޓީގެ މަގުތަކުގައި ފެން ބޮޑުވެއެޖެއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ދިފާއީ ބާރުގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި ޕަންޕުގެ އެހީގައި ބޮޑު ބަޔަކުން ފެން ހިނދާފައިވާ ކަމަށާއި ގެތަކަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.
ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/gxTuoHfSKO
— Maldives National Defence Force (@MNDF_Official) December 20, 2025
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ގަދަ ވަޔާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ޅ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ. ހަމައެހެންމެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް އެ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

