
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ލީގަލައިޒްވުމަށް ހޯމް މިިނިސްޓްރީން ހުޅުވާލަން ނިންމައިފި އެވެ.
ހޯމް މިނިސްޓްރީން އިއްޔެ އާންމުކުރި އިއުލާނެއްގައިވާ ގޮތުން އެ ފުރުސަތު ހުޅުވާލަނީ އަންނަ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ދެވަނަ ދުވަހާ ހަމައަށެވެ.
އެ ފުރުސަތު ދެނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ބިދޭސީންނަށެވެ. އިއުލާނުގައި ބަޔާންކޮށްފައިވާ ޝަރުތުތަކަކީ:
- ވާކް ޕާމިޓްގެ މުއްދަތު ހަމަވެފައިވުން
- އެއްވެސް ސަބަބަކާ ހުރެ ބްލެކްލިސްޓްކޮށްފައިވާ ބިދޭސީއެއް ކަމުގައި ނުވުން
- ރާއްޖޭގައި މި ވަގުތު ހުރި ބިދޭސީއެއް ކަމުގައި ވުން
- ބިދޭސީ ފަރާތް ލީގަލައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތަކީ، އެންމެ ފަހުން ވާކް ޕާމިޓް ދޫކޮށްފައިވާ ވަޒީފާ ދޭ ފަރާތަށް ނުވުން
- ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުން
- އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއް ކަމުގައިނުވުން
- 2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން ، ވަޒީފާދޭ ފަރާތުން ފިލާފައިވާކަމަށް ނުވަތަ ގެއްލިފައިވާކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީއެއް ކަމުގައި ވުން
މި ގޮތުން ވަޒީފާ ދޭނެ ފަރާތެއް ހުރި، ލީގަލައިޒްވާން އެދޭ ބިދޭސީން ލީގަލައިޒްކުރުމަށް ހުށަހަޅާނީ، “އެކްސްޕެޓް ސިސްޓަމް” މެދުވެރިކޮށް، ވަޒީފާދޭ ފަރާތުން ކަމަށް ހޯމް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
އަދި ލީގަލައިޒްކުރުމަށް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާނެ ގޮތުގެ ޔޫޒާ ގައިޑް އެކްސްޕެޓް ސިސްޓަމް ހޯމް ޕޭޖަށް އަޕްޑޭޓް ކުރާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

