
ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕ)އިން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް، ބާއްވާ ޕްރައިމަރީ އަަންނަ އަހަރުގެ ޖެނުއަރީ 30ގައި ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ޕްރައިމަރީގެ ވޯޓުލުން އޮންނާނީ، ޖެނުއަރީ 30 ވާ ހުކުރު ދުވަހުގެ މެންދުރު 14:30އިން ރޭގަނޑު 8:00 އާއި ހަމައަށް ކަމަށެވެ.
ޕްރައިމަރީ ބާއްވާ ދާއިރާތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ލިސްޓު އަންނަ ހޯމަ ދުވަހު އާންމުކުރާނެ ކަމަށާއި އެ ލިސްޓަށް ޝަކުވާ ހުށަހަޅަން 24 ގަޑިއިރު ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި ޝަކުވާއަށް ފަހު ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު އާންމު ކުރާނީ، ޖެނުއަރީ މަހުގެ 8ވަނަ ދުވަހު ކަމަށް އެމްޑީޕީން ބުނެއެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ޕްރައިމަރީ، ޓައިމްލައިން 2026https://t.co/xxrQkiSoeG
— MDP Secretariat (@MDPSecretariat) December 18, 2025
މީގެ އިތުރުން 24 ޑިސެމްބަރ 2025ގައި ވޯޓުލާ މަރުކަޒު ބަދަލުކުރުމަށް ހުޅުވައިލާނެ ކަމަށާއި މިކަމަށް 11 ދުވަހުގެ މުއްދަތެއް ދޭ ގޮތަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި އެއަށްފަހު 4 ޖަނަވަރީގައި ވޯޓުލާ މަރުކަޒު ބަދަލު ކުރި ފަރާތްތަކުގެ ލިސްޓު ޢާންމު ކުރުމުން ޝަކުވާ ހުށަހެޅުމަށް 3 ދުވަސް ލިބޭނެ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

