
ސަރުކާރުން ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ނުދީ ލަސްވިޔަސް، އެ ކުންފުނިތަކުން މީރާއަށް ޓެކްސް ދައްކަން ޖެހޭ މައްސަލަ ހައްލުކުރުމުގެ ގޮތުން، ސަރުކާރުން ދޭންޖެހޭ ފައިސާއިން ޓެކްސް އުނިކުރެވޭ އުސޫލެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް ރޭ ބޭއްވި ބައްދަލުވުމުގައި، ގިނަ ވިޔަފާރިވެރިންގެ މައިގަނޑު އެއް ޝަކުވާއަކީ ސަރުކާރުން ދަރާފައިހުރި ފައިސާ ނުލިބޭ މައްސަލައެވެ. އެގޮތުން، ކުރީ ސަރުކާރުގައި ކޮށްދީފައި ހުރި މަސައްކަތްތަކަށް ވެސް ފައިސާ ނުލިބޭކަން ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ.
އެ ޝަކުވާ ހުށަހެޅި ބައެއް ފަރާތްތަކުން ވަނީ، މީރާއަށް ދައްކަން ޖެހޭ ފައިސާއިން އެބައި އުނިކޮށްދިނުމަށް ހުށަހަޅާފައެވެ.
އެ މައްސަލައާ ގުޅިގެން ރައީސް ވިދާޅުވީ، މީރާއާ އެކު މަޝްވަރާކުރުމަށްފަހު، އެ އިދާރާއަށް އެފަދަ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް، ސަރުކާރުން ދޭންޖެހޭ ފައިސާއިން ކެނޑޭ ގޮތަށް ނިޒާމު އިތުރަށް ފުޅާ ކުރެވޭނެ ގޮތްތައް ބައްލަވައިދެއްވާނެ ކަމަށެވެ.
އަދި، އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

