
ހެނދުނާ ހޭލުމަކީ ގިނަ މީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި މި މައްސަލަ ވަރަށް ބޮޑެވެ. ހެނދުނު ހޭލައިގެން ވަޒީފާއަށް ނުވަތަ އެހެން ވެސް ތަނަކަށް ދާން ޖެހުމަކީ ވަރަށް ބުރަ ކަމެކެވެ.
މިގޮތަށް ހޭލާއިރު ވަރުބަލިކަމާއި ކަންނެތްކަން އިހުސާސްވާ ސަބަބުން އެނގޭ ހެއްޔެވެ؟ ސިއްހީ މާހިރުން ބުނާގޮތުގައި ހެނދުނު ހޭލާއިރު އެންމެ ބޮޑަށް ހަށިގަނޑު ވަރުބަލިވެ، ލޮޑު ވަނީ ހަމަނިދި ނުލިބޭތީއެވެ. ނުވަތަ ލަހުން ނިދާތީއެވެ. ނިދުމުގެ ކުރިން ބްލޫލައިޓް ނުވަތަ ސްކްރީނަށް ގިނައިރު ބަލަން އޮތުމަކީ މީގެ އެންމެ ބޮޑު ސަބެބެވެ.
މީހާގެ ލައިފްސްޓައިލާއި އާދާތަކުގެ ސަބަބުން ވެސް މިކަން އިހުސާސް ވެއެވެ. އެގޮތުން، ނިދުމުގެ ކުރިން ޑީހައިޑްރޭޓްވެފައި ހުރުމާއި އަންބެލެންސް ޑައިޓެއް ގެންގުޅުމަކީ ނިދާ ހޭލާއިރު ވަރުބަލިކަން އިހުސާސްވާ ކަމެކެވެ.
ސިއްހީ މާހިރުން ބުނާގޮތުގައި ސްޓްރެސްވުމާއި އެންޒައިޓި ހުންނަ މީހުންނަށް ވެސް ނިދިން ހޭލުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އޭގެއިތުރުން، ހޯމޯނަލް ބަދަލުތަކާއި ޑައިބެޓިކްސް ފަދަ ބަލިތައް ހުންނަ މީހުންނަށް ވެސް މިކަން ދިމާވެއެވެ.
ނިދާ ހޭލާއިރު ވަރުބަލިކަން އިހުސާސްވާ މީހުން އެކަން ނައްތާލުމަށް ކުރެވިދާނެ ކަންކަން ހުރެއެވެ. އޭގެ ތެރޭގައި ނިދާ ޝެޑިއުލް ރަނގަޅު ކުރުމާއި، ފިނި އަނދިރި ކޮޓަރިއެއްގައި ނިދުމަކީ މުހިންމު ކަމެއް ކަމަށް ޑޮކްޓަރުން ބުނެއެވެ. އަދި ސްކްރީން ވަގުތު މަދުކުރުމާއި ދުވާލު ވަގުތު ގިނައިން ފެން ބުއިމަކީ ވެސް މިކަމަށް ހައްލު ލިބޭނެ ކަމެކެވެ.
އޭގެ އިތުރުން، ރިލެކްސްވާން ދަސްކުރުމާއި، ގަވާއިދުން ކަސްރަތު ކުރުން ނުވަތަ ދުވާލު ގަޑީގައި ހެލިފެލިވެ އުޅުން ވެސް މުހިންމެވެ.
ހަމަނިދި ނުލިބި، ހެނދުނު ހޭލާއިރު ވަރުބަލިކަން އިހުސާސްކުރެވުމަކީ މުޅި ދުވަހަށް އަސަރުކުރާ ކަމެކެވެ. އޭގެ ސަބަބުން އެއްވެސް މަސައްކަތެއް ކުރާހިތް ނުވުމާއި، ކާހިތް ނުވުން ފަދަ ކަންކަން ދިމާވެއެވެ. އެހެންކަމުން ސިއްހަތަށް ބަލައިގެން އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

