
އއ. އުކުޅަހަށް ޗުއްޓީ ހޭދަކޮށްލުމަށް އައިސް ހުރި, ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
“ދެން” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ، އުކުޅަހުގައި ހުންނަ ލަ ޕަލްމާ ސުއިޓްސް ގެސްޓުހައުސްއަށް އައިސް ހުރި، ރަޝިޔާއަށް ނިސްބަތްވާ 48 އަހަރުގެ ފިރިހެނެކެވެ. އޭނާ އުކުޅަހުން ފުރުމަށް ހަމަޖެހިފައި އޮތީ މިއަދު ހެނދުނު، ނަމަވެސް އޭނާ އެ ރަށުން ފުރާފައި ނުވާ ކަމަށާއި އޭނާގެ މޯބައިލްފޯނާއި އެހެނިހެން ސާމާނު ވެސް އޭނާ އުޅުނު ކޮޓަރި ތެރޭގައި ހުރިކަމަށް މަޢުލޫމާތު ލިބެއެވެ.
މި ފަތުރުވެރިއާ އެންމެ ފަހުން ފެނިފައި ވަނީ އޭނާ ހުންނަ ގެސްޓުހައުސް އިންނެވެ. އަދި އޭނާ އެ ރަށަށް އައިސްފައި ވަނީ މީގެ ތިން ދުވަސް ކުރިން ކަމަށާއި އައިސް އުޅެނީ ވެސް އެކަނި ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ފަތުރުވެރިއާ ހޯދުމުގެ މަސައްކަތް، ގެސްޓްހައުސް އާއި އުކުޅަހު ކައުންސިލާއި ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

