
ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގާނަމަ އެކަން ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިން ފުލުހުންގެ ޚިދުމަތަށް އަންގަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި އުޅެމުންދާ ބައެއް ބިދޭސީން ދަންވަރުގެ ވަގުތުގައި ރަށުތެރޭގައި ޢާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފަށް އުޅެމުންދާކަމުގެ ކަންބޮޑުވުން ލިބެމުންދާކަމަށެވެ.
އެހެންކަމުން، ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 ޖެހުމާއި ހަމައަށް، އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، އެމީހުންނާއި ސުވާލުކޮށް، ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފު ކަމެއް ފާހަގަވާނަމަ، އެކަމާއި ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީއާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާތީ, ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި…
— Dr Mohamed Muizzu (@MMuizzu) December 17, 2025
ރައީސުލްޖުމްހޫރިއްޔާ ގަލޮޅުގެ ރައްޔިތުންނާއެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ބައެއް ރައްޔިތުން ވަނީ މާލޭގެ އެކި ހިސާބުތަކުން ރޭގަނޑުގެ ވަގުތުތަކުގައި ބިދޭސީން އެއްވެ، އާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފު ބައެއް ކަންކަން ހިންގަމުންދާކަން ފާހަގަވާކަމުގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

