
ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާއިން އިސްވެ މަސްވެރިންނާއެކު ކުރަމުންދާ މުޒާހަރާގެ ތެރެއިން ފުލުހުން ތިން ދޯންޏެއް ހިފަހައްޓައި ތިން މީހަކު ހަައްޔަރު ކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގަައި އިއްޔެ އިން ފެށިގެން މަސްވެރިން ކުރަމުންދާ އިހުތިޖާޖުތަކުގައި 24 ގަޑިއިރު ފުލުހުން ވަނީ އިހުތިޖާޖު ކުރަމުން ދިޔަ ފަރާތްތަކާ މުއާމަލާތު ކޮށްފައެވެ. އަދި މި އިހުތިޖާޖުތަކުގައި ބިދޭސީން ބައިވެރިވަމުންދާ ކަން ފާހަގަ ވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އިހުތިޖާޖުގައި ބިދޭސީން ބައިވިރިވަމުންދާކަން ފާހަގަކުރެވުމުން އިހުތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށް ނަސޭހަތް ދީފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރު ބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށްވުމާއެކު އެކަމުގެ ސަބަބުން އިއްޔެއާއި މިއަދު ވެސް އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވަމުންދާ ކަމަށެވެ.
މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުތަކަށް ދަތިނުވާގޮތަށް އަމަލުކުރުމަށް ނަސޭހަތް ދީފައިވާ ކަމަށް ބުންޏެވެ. އަދި އުޅަނދުތަކަށް ހުރަސް ނޭޅުމަށާއި މާލެގޭ ފަޅަށް ވަދެ ނުކުމެހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ނަސޭހަތް ދިން ކަމަށް ބުންޏެވެ.
ފުލުހުން ބުނީ އެފަދައިން ތަކުރާރުކޮށް ނަސޭހަތް ދިން ނަމަވެސް ފުލުހުންގެ އަންގާފައިވާ މިއެންގުންތަކަށް އިހުތިޖާޖުގެ ބައިވެރިން އިޖާބަ ދީފައި ނުވާ ކަމަށެވެ.އަދި އިހުތިޖާޖުގެ ބައިވެރިން އެކަންކަމަށް ދެކޮޅުހަދާފައިވާ ކަމަށް ބުންޏެވެ.
އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާދީފައިނުވުމުގެ އިތުރުން ބިދޭސީން އިހުތިޖާޖުގައި ބައިވެރިވަމުންދާތީ އިމިގްރޭޝަން ގުޅިގެން ބިދޭސީންގެ މައުލޫމާތު ހޯދައި ޗެކްކުރުމުގެ މަސައްކަތް މިއަދު މެންދުރުފަހު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުނާ އެ މަސައްކަތަށް މިއަދު މެންދުރު ފަހުން ފެށިގެން ފުލުހުން އިހުތިޖާޖުގައި ބައިވެރިވަމުންދިޔަ ބައެއް ދޯނިތަކަށް އަރާފައި ވާ ކަމަށް ވެސް ބުނެފައިވެއެވެ.
ފުލުހުން ބުނީ ދޯނިތަކަށް އެރުމުން މަސްވެރި ޔޫނިއަނުން އެކަމާ ދެކޮޅު ހަދައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާބަދީފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ތެރެއިން 3 ދޯންޏެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

