
ލޯކަލް ކައުންސިލްތަކަށް އަމާޒުކޮށްގެން ބާއްވާ އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފަށައިފިއެވެ.
މި ކޮންފަރެންސަކީ ލޯކަލް ގަވަރންމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އައިއޭއޭ) ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސް ފެށުމަށް މިއަދު ސްޓެލްކޯ އޮޑިޓޯރިއަމްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވީ، މި ކޮންފަރެންސަކީ ކައުންސިލްތަކުގެ މާލީ ހިސާބުތަކުގެ ޞައްޙަކަން ކަށަވަރުކޮށް، ކައުންސިލްތަކުގެ މަސައްކަތްތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުމަށް އެހީތެރިވުމަށް ބާއްވާ ވަރަށް މުހިންމު ކޮންފަރެންސެއް ކަމަށެވެ.
“އަޅުގަނޑުމެން އަބަދުވެސް މި މަސައްކަތްކުރަނީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް. އެއީ އެކަން އޮންނަން ވާނެ ގޮތަކީވެސް. އެކަމު އަޅުގަނޑަށް މުޅި އެތި މަފްހޫމްވެގެން އައި އިރުގައި އަޅުގަނޑަށް ވިސްނުނީ އަސްލު މި ހުރިހާ ކަމެއް އެއް ގޮތަކަށް ނުވަތަ އެއް އުސޫލެއްގެ ދަށުން ގެންދިއުމުން އަސްލު އިންޓަރނަލް އޮޑިޓަކަށް މިވަނީ. މި މަގްސަދު ހާސިލްކުރުމަށް މި ކޮންފަރެންސް އަސްލު މި ބޭއްވިގެންދަނީ.” އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވިއެވެ.
ކައުންސިލްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ކޮންފަރެންސްގައި މާސްޓަރ ކްލާސްތަކާއި، ކީ ނޯޓް ސްޕީޗްތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް ވެސް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން މި ސެޝަންތަކުގައި އިންޓަރނަލް އޮޑިޓެއް ރާވާނެ ގޮތްތަކާއި، އޮޑިޓްގެ މަސައްކަތް ކުރާނެ ގޮތްތައް ފަދަ ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓްގެ ނިޒާމު ހަރުދަނާކުރުމަށް އަމާޒުކޮށްފައިވާ މައުލޫތަކަށް ވާހަކަދައްކަވާ މަޝްވަރާކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
ލޯކަލް ކައުންސިލްތަކަށް އަމާޒުކޮށްގެން ބާއްވާ އިންޓަރނަލް އޮޑިޓް ކޮންފަރެންސަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ. މި ކޮންފަރެންސްގައި ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މޮނިޓަރިންގ އަދި އޮޑިޓް ކުރާ ފަރާތްތައް ހިމެނޭގޮތަށް 47 މީހުން ވަނީ ބައިވެރިވެފައެވެ.
ކޮންމެ އަހަރަކުވެސް ވަކި ތީމެއްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ މިއަހަރުގެ ޝިއާރު ބިނާކޮށްފައި ވަނީ ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓްތައް ހަރުދަނާކުރުމަށެވެ. އެގޮތުން މި އަހަރުގެ ޝިއާރަކީ “ސްރެންތެނިން ގަވަނެންސް؛ އިންޓްރޮޑިއުސިން އިންޓަރނަލް އޮޑިޓް ފޯރ އެފެކްޓިވް ކައުންސިލް އޯވަރސައިޓް”އެވެ.

