
އިދިކޮޅު އެމްޑީޕީއަށް ދާއިމީ ޗެއާޕާސަންއެއް ހޮވުމަށް ބާއްވާ އިންތިހާބު ފަސް ކުރަން، އެޕާޓީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ވަގުތީ ގޮތުން އެ މަގާމާ ހަވާލުވާނެ ބޭފުޅަކު ހޮވުމަށް ރޭ ވަނީ ގައުމީ މަޖިލީހުގެ ވުމެއް ބާއްވާފައެވެ. ރޭގެ ޖަލްސާގައި އެމަގާނަށް އިންތިހާބު ކުރެއްވީ ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްގަފޫރު މޫސާއެވެ.
އެ ޖަލްސާގައި، ދާއިމީ ޗެއާޕާސަން ހޮވުމަށް ނަގާ ވޯޓު، ލޯކަލް ކައުންސިލް އިންތިހާބުގެ ފަހުން ނަގަން ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމެވެ.
އޭނާ ހުށަހަޅުއްވާފައި ވަނީ ކައުންސިލް އިންތިހާބުގެ ރަސްމީ ހަތް ދުވަސް ފަހުން ޗެއާޕާސަން އިންތިހާބު އޮންނާނެ ދުވަހެއް އިއުލާނު ކުރުމަށެވެ. އެހުށަހެޅުން ފާސްވެފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި 58 މެންބަރުންގެ ވޯޓުންނެވެ.
އެމްޑީޕީ ހިންގުމުގެ އެންމެ އިސް މަގާމު ހުސްވީ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ބޮޑުވެގެން ގޮސް ހަމަހަމަކަމުގެ ފުރުސަތު ދޭން ވެގެން ކަމަށް ވިދާޅުވެ، އެ މަގާމުގައި ހުންނެވި ފައްޔާޒު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އެމްޑީޕީގެ މިދިޔަ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ މިނިސްޓަރަކަށް ހުންނެވި ފައްޔާޒު ވެސް ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވެއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އިތުރު ދައުރަށް ވާދަކުރައްވަން ބޭނުންވާކަމަށް ވާއިރު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ގެންދަވަނީ ޕާޓީގެ އެތެރޭގައި ކެމްޕެއިން ކުރައްވަމުންނެވެ.
ފައްޔާޒު މަގާމުން އިސްތިއުފާ ދެއްވައިގެން މީގެ ކުރިން ވެސް ވަގުތީ ޗެއާޕާސަނެއް ކަނޑައަޅަން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް ފައްޔާޒުގެ ފެކްޝަނާއި ސޯލިހުގެ ފެކްޝަންގެ ކޯޅުން ބޮޑުވެގެން ގޮސް އެ ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.

