
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްގަފޫރު މޫސާ އިންތިހާބުކޮށްފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ބޭއްވި ބައްދަލުވުމުގައި، ގަފޫރަށް ވަގުތީ ގޮތުން ޕާޓީ ހިންގުން ހަވާލުކުރުމަށް ފާސްކުރީ 65 މެންބަރުންގެ ވޯޓުންނެވެ. އޭނާއަށް ވޯޓު ނުދެނީ އެންމެ މެންބަރެކެވެ.
އެ ޕާޓީގެ ހިންގުމުގެ އެންމެ އިސް މަގާމު ހުސްވަނީ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ބޮޑުވެގެން ގޮސް ހަމަހަމަކަމުގެ ފުރުސަތު ދޭން ވެގެން ކަމަށް ވިދާޅުވެ އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އެމްޑީޕީގެ މިދިޔަ ސަރުކާރުގެ އެންމެ ނުފޫޒުގަދަ މިނިސްޓަރަކަށް ހުންނެވި ފައްޔާޒު ވެސް ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވެ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އިތުރު ދައުރަށް ވާދަކުރައްވަން ބޭނުންވާ ކަމަށް ވާއިރު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ގެންދަވަނީ ޕާޓީގެ އެތެރޭގައި ކެމްޕެއިން ކުރައްވަމުންނެވެ.
ފައްޔާޒު މަގާމުން އިސްތިއުފާ ދެއްވައިގެން މީގެ ކުރިން ވެސް ވަގުތީ ޗެއާޕާސަނެއް ކަނޑައަޅަން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް ފައްޔާޒުގެ ފެކްޝަނާއި ސޯލިހުގެ ފެކްޝަންގެ ކޯޅުން ބޮޑުވެގެން ގޮސް އެ ޖަލްސާ ކުރިއަށް ނުގެންދެވުނެވެ.

