
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސިލްސިލާ ގޮތެއްގައި މިހާރު ބާއްވަވާ ބައްދަލުވުންތަކުގެ ތެރެއިން ހެންވެއިރު ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުން މާދަމާ ރޭ އޮންނާނޭކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބާއްވާ ބައްދަލުވުން މާދަމާ ރޭ ހެންވެއިރުގެ ރައްޔިތުންނާ އެކު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިބައްދަލުކުރެއްވުން އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 20:30ގައި ކަލާފާނު ސްކޫލްގައި ކަމަށާއި ސަރުކާރުގެ ފަރާތުން މި ބައްދަލުވުމަށް ހެންވެއިރުގެ ހުރިހައި ރައްޔިތުންނަށް ދަޢުވަތު އަރުވާކަމަށް ހީނާ ވިދާޅުވިއެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ…
— Heena Waleed (@MvSpokesperson) December 6, 2025
މާލެ ސަރަޙައްދުން އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށް ފަހު މައްޗަންގޮޅި އަދި މާފަންނުގެ ރައްޔިތުންނާ ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވައިފައެވެ.

