
“ޑިތުވާ” ތޫފާނުގެ ސަބަބުން ސްރީލަންކާއަށް ދިމާވި ކާރިސާއާ ގުޅިގެން ހާލުގައި ޖެހުނު އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާއި ދިވެހިންގެ ފަރާތުން ހަދިޔާކުރާ އިންސާނީ އެހީ ސްރީލަންކާގެ ސަރުކާރާ ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.
އޭގެތެރޭގައި ސަރުކާރުން ފޯރުކޮށްދިން 50،000 އެމެރިކާ ޑޮލަރު ގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާ އާއި އެހެނިހެން އަމިއްލަ މީޑިއާ ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 834,843.98 އެމެރިކާ ޑޮލަރު ހިމެނެ އެވެ.
ފައިސާގެ އެހީ އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް (މިފްކޯ) އިން އުފައްދާފައިވާ 25،000 ކޭސް މަސްދަޅު ސްރީލަންކާ ސަރުކާރާ ހަވާލުކުރެއްވީ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ މަސްޢޫދު ޢިމާދެވެ.
މި 25،000 ކޭސް މަސްދަޅު ސްރީލަންކާއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފަރާތުން، އެ ކުންފުނީގެ އެމް.އެސް.އެސް. ގަލީނާ ބޯޓުގައެވެ.
ދިވެހި ސަރުކާރުން ފޯރުކޮށްދިން މި އެހީގެ އިތުރުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހިން އިސްނަގައިގެން، ސްރީލަންކާގެ ހާލުގައި ޖެހުނު އާއިލާތަކަށް މިހާރުން މިހާރަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށްޓަކައި ކޮޅުނބުގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި މިހިނގާ ޑިސެމްބަރު މަހުގެ 1 އިން 5 ގެ ނިޔަލަށް ތަކެތި ހަދިޔާކުރުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ.
މިގޮތުން ހަދިޔާގެ ގޮތުގައި ލިބުނު ތަކެތި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާ ގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އާއެވެ.
ރާއްޖެއިން އުއްމީދުކުރަނީ، ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މި އެހީ އިން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެކަމަށެވެ.
އަދި ރާއްޖޭގެ ގިނަ ފަރާތްތަކުން ގުޅިގެން ސްރީލަންކާއަށް އެހީވުމަށް މި ކުރެވުނު މަސައްކަތްތައް ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ބަދަހި ގުޅުމެވެ. ސްރީލަންކާގެ އިންސާނީ، އިޖްތިމާޢީ އަދި ތަރައްޤީގެ މަޝްޢޫރުތަކުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދީ އެހީތެރިވާނެކަމުގެ ޔަޤީންކަން އަރުވަމެވެ.

