
މިދިޔަ މަހުގެ ފަހު ދުވަހަކީ ރާއްޖެއަށް 2 މިލިއަން ޓޫރިސްޓުން ހަމަވި ދުވަހެވެ. ތާރީހަށް ބަލާ ނަމަ މި އަހަރުގެ ދެ މިލިއަން ހަމަވެފައި މިވަނީ އެއް މަސް ދުވަހު ކުރިންނެވެ. ނަމަވެސް ސަރުކާރުން މި އަަހަރު ކަނޑައަޅާފައިވާ ޓޫރިޒަމްގެ ލަނޑުދަނޑިއަކީ 2.3 މިލިއަން ކަމަށްވުމާ އެކު މި އަދަދު ހަމަވެދާނެތޯ އިންޑަސްޓްރީގެ ތަޖުރިބާކާރުން ސުވާލު އުފައްދައެވެ. ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި މި އަހަރު ސަރުކާރުން ބުނި އަދަދަށް ޓޫރިސްޓުން ނައި ނަމަވެސް މިހާރު ވެސް ޓޫރިޒަމް ހުރީ ރެކޯޑެއްގައެވެ. އެވަރަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ދެ މިލިއަން ޓޫރިސްޓުން ހަމަވެގެން އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު މި ސުވާލު ތަކުރާރުކޮށް ތިމާވެއްޓާއި ޓޫރިޒަމާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމްއަށް ކުރިމަތިކުރިއެވެ. ނަމަވެސް އެ ސުވާލަށް މިނިސްޓަރު ސީދާ ޖަވާބެއް ނުދެއްވައެވެ. ވިދާޅުވީ އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިނިސްޓަރުގެ ތޯރިގުގެ މި ޖަވާބު ބާއްވާށެވެ. ތަފާސް ހިސާބުތަކުން 2.3 މިލިއަން ހަމަވާން ހުރި ފުރުސަތުތަކަށް ބަލަމާ ހިނގާށެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައި ވަނީ 2,034,827 މިލިއަން ޓޫރިސްޓުންނެވެ. މި އަދަަދަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު އައިސްފައިވާ 2,046,615 ޓޫރިސްޓުންނާ އަޅާ ކިޔާނަމަ 11,788 ޓޫރިސްޓުން މަދު އަދަދެކެވެ. ނަމަވެސް މި އަހަރު ދެ މިލިއަން ހަމަވެފައިވަނީ މިދިޔަ އަހަރަށް ވުރެ އެއް މަސް ކުރީގައި ކަމަށްވުމުން މިއީ ޓޫރިޒަމް ނަމްބަރުން ބަލާނަމަ ކާމިޔާބީއެކެވެ. މިއީ މި އަހަރު ކުރިއަށް އޮތް އެންމެ ބޮޑު އުންމީދެވެ.

މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި 2,034,827 އަދަދުން ބަލާނަމަ ސަރުކާރުގެ ޓޫރިސްޓް ނަމްބަރު ހަމަކުރަން އެންމެ މަދުވެގެން ވެސް 265,173 ޓޫރިސްޓުން ބޭނުން ވެއެވެ. މިހާރު ރާއްޖެއަށް ރެއަކާއި ދުވާލެއްގެ މައްޗަށް އަންނަނީ އެވްރެޖުކޮށް 6,056 ޓޫރިސްޓުންނެވެ. އަދި މިމަހުގައި ބާކީ އޮތީ 28 ދުވަސް ކަމަށް ބަލާނަމަ މިހާރުގެ ޑެއިލީ އެރައިވަލްއިން ބަލައި ފިނަމަ ރާއްޖެއަށް އަންނާނީ 174,000 ޓޫރިސްޓުންނެވެ. މާނައަކީ 265,173 ގެންނަން ބޭނުންވިޔަސް މިހާރު ޑެއިލީ އެރައިވަލްސް ހުރި އަދަދުން ބަލާނަމަ އަންނާނެ ކަމަށް ބެލެވޭ ޓޫރިސްޓުންގެ އަދަދު 91,173 މަދުވާނެއެވެ. ނަމަވެސް މިމަހަކީ ނިއުއިޔާއާއި ޔޫރަޕުގެ ބޮޑު ޗުއްޓީ އަދި ފިނި މޫސުން ފެށޭ ދުވަސްވަރު ކަމަށްވުމުން ޑެއިލީ އެރައިވަލް އިތުރުވުމުގެ ޓްރެންޑެއް ވެސް އުޅުން ގާތެވެ. އަދި ކޮވިޑް-19އަށް ފަހު މީޑިއެޓް ބުކިން އިތުރުވެފައިވާތީ ދެތިން ދުވަހުގެ ތެރޭގައި ވެސް ޓޫރިޒަމަށް ބޮޑު ބަދަލެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށް ޓޫރިޒަމް ތަޖުރިބާކާރުން އަންދާޒާ ކުރެއެވެ.
މިދިޔަ 10 އަހަރު ޑިސެމްބަރު މަހު ޓޫރިޒަމް ޓްރެންޑިން ހުރި ގޮތަށް ބަލާއިރު ތަފާސް ހިސާބުތަކުން ދައްކަނީ އެންމެ ގިނައިން ޑިސެމްބަރު މަހު ޓޫރިސްޓުން އައިސްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އައި 208,980 އެވެ.
10 އަހަރުގެ ޑިސެމްބަރު މަސް
2015 – 110,000އަށް ވުރެ ގިނަ
2016 – 110,000އަށް ވުރެ ގިނަ
2017 – 115,000އަށް ވުރެ ގިނަ
2018 – 120,000އަށް ވުރެ ގިނަ
2019 – 150,000އަށް ވުރެ ގިނަ
2020 – ކޮވިޑް އަހަރު
2021 – 173,000އަށް ވުރެ ގިނަ
2022 – 175,000އަށް ވުރެ ގިނަ
2023- 194،000އަށް ވުރެ ގިނަ
2024- 208،000އަށް ވުރެ ގިނަ
މިދިޔަ 10 އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް އެވްރެޖުކޮށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މިދިޔަ މަހު އެވްރެޖުކޮށް 6,741 ޓޫރިސްޓުން އައިސްފައި ވެއެވެ. އަދި ޑެއިލީ އެރައިވަލްސް 6,280 އަށް އަރައިފައި ވަނީ މިދިޔަ 10 އަހަރު ދުވަަހަށް ބެލި ނަމަވެސް 2023 އަދި 2024 ގައެވެ. އެހެންވެ މި އަހަރު މި އަދަދު އިތުރުވެގެންދާނެ ކަމަށް ވަނީ ބެލިފައެވެ. އަދި ބާކީ އޮތް 28 ދުވަހު ޓޫރިޒަމަށް ރެކޯޑްތަކެއް ފެނިގެންދާނެއެވެ. އެނގޭ ކަމަކީ 2.3 މިލިއަންގެ އަމާޒު ސީދާ ހާސިލް ނުވި ނަމަވެސް މިއަދަދާ ވަރަށް ގާތްކޮށް އެރައިވަލްގައި މި އޮތް ދުޅަހެޔޮކަން މި ސިނާޢަތުން ފެނިގެންދާނެކަމެވެ.

