
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު ޗުއްޓީއަށް ހިނގައްޖެއެވެ.
މަޖިލީހުގެ މި ދައުރުގެ 28 ވަނަ ޖަލްސާ މިއަދު ނިންމާލާފައި ވަނީ އަށް ވޯޓަކަށް އެހުމަށްފަހުއެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ ގާނޫނަށް ހުށަހެޅި އިސްލާހާއި، ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ އިތުރުން، ޒަކާތުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ހިމެނެއެވެ.
މުހިންމު މަސައްކަތްކަކަށްފަހު މަޖިލީސް ޗުއްޓީއަށްދާކަން އިއުލާނު ކުރައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ ހުރިހާ މެންބަރުންގެ މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.
އޭނާ ވިދާޅުވީ ސަރުކާރު ހިންގުމަށާއި، ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މުހިންމު ބިލެއް އޮވެއްޖެނަމަ، އެ މަސައްކަތްތައް ނިންމާފައި ނޫނީ ޗުއްޓީއަށް ދިއުމުގެ އުސޫލު 20 ވަނަ މަޖިލީހުން ގެންގުޅޭ ކަމަށެވެ.
އަހަރުގެ ފަހު ދައުރު އާންމު ގޮތެއްގައި ނިމެނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް މުހިންމު މަސައްކަތްތަކެއް ހުރުމުން މި ދައުރު ވަނީ ހަފްތާއަކަށް އިތުރުކޮށްފައެވެ.
މި ދައުރުގައި ކުރި މަސައްކަތްތަކަށް އަލިއަޅުއްވައިލަމުން އަބްދުއްރަހީމް ވިދާޅުވީ މި ދައުރު 28 ޖަލްސާ ބާއްވާފައިވާއިރު، 140 ކޮމެޓީ ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ. އަދި މުހިންމު ބިލުތަކެއް ހިމެނޭހެން ޖުމްލަ 15 ބިލު ފާސްކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ. އެ ޖަލްސާ އޮންނާނެ ތާރީހު މަޖިލީހުން ފަހުން އިއުލާނު ކުރާނެއެވެ.

