
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއަށް ހިއްސާކުރެވުނު މައުލޫމާތަކާއި ގުޅިގެން، ހދ.ކުޅުދުއްފުށި ސިޓީގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ މި ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޮލިސް ޑިޕާޓްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 39 އަހަރުގެ އިބްރާހީމް ޝުކޫރު (ހދ.ކުޅުދުއްފުށި / ފަރެސް) އެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމުގެ އިތުރުން އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތިކަމަށް ޤަބޫލުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރުކޮޅަކާއި، ހަތަރު ކުޑަ ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ ޖުމްލަ 9 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އިބްރާހީމް ޝުކޫރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށްފަހު، އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިހާރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

