
ރާއްޖޭގައި އިންވެސްޓްމަންޓުތައް ފުޅާކުރުމާމެދު މަޝްވަރާ ކުރުމަށް ސައުދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ.
މި ވަފުދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ، އެ ގައުމުން ރާއްޖޭއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.
އިއްޔެ މެންދުރު ރާއްޖެ ވަޑައިގަތް މި ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ސައުދީ އިންވެސްޓްމަންޓްސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑެޕިއުޓީ މިނިސްޓަރު، ސާރާ އަލް ސައީދެވެ. މިވަފުދުގައި ސައުދީގެ ބޮޑެތި ވިޔަފާރިތައް ތަމްސީލުކުރައްވާ މަންދޫބެއް ވެސް ހިމެނިވަޑައިގަންނަވައެވެ.
ސައުދީ އާއި ރާއްޖެ އާ ދެމެދު އިންވެސްޓްމަންޓްތައް ފުޅާ ކުރުމާމެދު ދިވެހި ސަރުކާރާއެކު މި ވަފުދުގެ ބޭފުޅުން މުހިންމު މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ސައުދީ އެމްބަސީން ބުންޏެވެ.
އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް، ހާއްސާ ފޯރަމެެއް ބާއްވަން ވެސް ވަނީ ހަމަޖެހިފައެވެ.

