
ސްރީ ލަންކާ ކައިރިން ބޭ އޮފް ބެންގާލްގައި އުފެދުނު ބާރުގަދަ “ޑިޓުވާ” ތޫފާން އިންޑިއާގެ ޗެންނާއީއަށް އަރައިފިއެވެ.
ޗެންނާއީގެ ރީޖަނަލް މީޓިއޮލޮޖިކަލް ސެންޓަރު (އާރްއެމްސީ)އިން އަންދާޒާކޮށްފައިވާ ގޮތުގައި، މިއަދުން ފެށިގެން ތޫފާނުގެ ބާރު ދަށްވެ، ލޯ ޑިޕްރެޝަނަކަށް ދާނެއެވެ. އަދި އިއްޔެއެކޭ އެއްގޮތަށް މިއަދު ވެސް ޗެންނާއީގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަދު އިރުއެރިއިރު އެ ހިސާބުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. އެހެންވެ، ސްކޫލުތަކާއި ކޮލެޖުތަކުގެ އިތުރުން އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ބައެއް ފްލައިޓްތައް ވެސް ވަނީ ކެންސަލް ކޮށްފައެވެ.
އެ ތޫފާން މިހާރު ދަށް ޕްރެޝަރުގައި ދަތުރުކުރަމުން ދަނީ އިންޑިއާގެ އުތުރާ ދިމާލަށެވެ. މި ތޫފާނުގެ ބާރު އިތުރަށް ދާނީ ދަށްވަމުންނެވެ.
އާރްއެމްސީން ވަނީ ޗެންނާއީ ހިސާބަށް އޮރެންޖު އެލާޓު ނެރެފައެވެ. އަދި ޓިރުވައްލޫރު ހިސާބަށް ވަނީ ރަތް އެލާޓު ނެރެފައެވެ.
ތޫފާނުގެ ބާރު އެންމެ ބޮޑަށް ފެނުނީ ސްރީލަންކާއަށެވެ. އެގޮތުން ލަންކާގެ ފަރުބަދަތައް ހުންނަ ހިސާބުތަކަށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން އެތައް ގެއްލުމެއް ވަނީ ލިބިފައެވެ. އެ ގައުމުން 300އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 400އަށް ވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭންގި ގެއްލިފައެވެ.އަދި އެތައް ބައެއްގެ ގެދޮރު ހަލާކުވެ، ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފައެވެ.

