
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ރާއިރާގެ މެންބަރު އަސްމާ ރަޝީދު، އިޖުތިމާއީ ކޮމެޓީގެ މުގައްރިރު ކަމުންނާއި އެ ކޮމެޓީން ވަކިކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ އިޖުތިމާއީ ކޮމެޓީގައި އަސްމާގެ ބަދަލުގައި ދެން އިންނަވާނީ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ކަމަށެވެ.
އިޖުތިމާއީ ކޮމެޓީން އަސްމާ ވަކިކޮށްފައި މިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މާފަންނު ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުމުގައި، ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތައް އޭނާއަށް ފޮނުވަން އެންގި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައި ވަނީ، ރައީސް ރައްޔިތުންނާ ބައްދަލުކުރައްވާއިރު، ސުވާލުތައް ފޮނުވަން ނުޖެހޭނެ ކަމަށާއި، އެ މީހަކު ބޭނުންވާ ސުވާލެއް ނުވަތަ ހިޔާތެއް ސީދާ ރައީސްއަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އޭގެ ފަހުން އަސްމާ ވަނީ އެކަމާ ގުޅިގެން މައާފަށްވެސް އެދިވަޑައިގެންފަ އެވެ. މިދިޔަ ހުކުރު ދުވަހު އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސުވާލު ފޮނުވަން އެދުނީ ރައީސްގެ ބައްދަލުވުމަށް ނުދެވޭ ރައްޔިތުންނަށް ވެސް ސުވާލު ކުރުމުގެ މަގުފަހިކޮށްދިނުމަށް ކަމަށެވެ.

