
އިސްލާމި މަރުކަޒުތައް ތަރައްގީކުރުމުގެ ބޭނުމަކީ، އެ ތަންތަން މެދުވެރިކޮށް އިސްލާމީ އިލްމު ފެތުރުމާއި އިސްލާމީ ނޫރު ރާއްޖޭގައި ފެތުރުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މި ފަދައިން ވިދާޅުވީ، ދިއްދޫގައި ތަރައްގީކުރި އިސްލާމީ މަރުކަޒު ހުޅުވައިދެއްވުމަށް ފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ. ދިއްދޫގައި ހުޅުވި އިސްލާމީ މަރުކަޒަކީ އަތޮޅުތަކުގައި ހުޅުވި 3ވަނަ މަރުކަޒެވެ.
ވަޒީރު ވިދާޅުވީ، ދިއްދޫގައި ހުޅުވި އިސްލާމީ މަރުކަޒު ވާނީ މުހިއްމު ޢިލްމީ މުއައްސަސާއަކަށް ކަމަށެވެ. އެ މަރުކަޒަކީ ސަރުކާރުން ވަރަށް މުހިއްމު އިސްކަމެއް ދެއްވައިގެން ނިންމައިފައިވާ މަޝްރޫއުއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވަނީ އިސްލާމީ މަރުކަޒުގައި ލައިބްރަރީއާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިވެސް ހުޅުވާފައިވާކަން ފާހަގަކުރައްވައިފައެވެ.
“ރައީސް ވަރަށް ބޮޑަށް އިސްކަން ދެއްވާ މިހެން ހުރި މަޝްރޫޢުތައް ނިންމުމަށް. މި ތަންތަނަށް ހާއްސަ އިސްކަމެއް ދެއްވައިގެން މި ތަންތަން ނިންމުމުގެ ބޭނުމަކީ މި ތަންތަން މެދުވެރިކޮށް އިސްލާމީ އިލްމު ފެތުރުމާއި އިސްލާމީ ނޫރު ރާއްޖޭގައި ފެތުރުން.” ވަޒީރު ވިދާޅުވިއެވެ.

