
އަނބިމީހާއަށް 15000 ރުފިޔާ ދީފައި ކޮފީއެއް ބޯލާއިރަށް މުސާރަ ހުސްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
މައަދު މަޖިލީހުގައި ކުރީގެ ރައީސުންގެ އިނާޔަތްތައް ކުޑަކުރުމާ ގުޅޭގޮތުން ސަރުކާރުން ހުށަހެޅި ބިލަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން މެންބަރު އައްބާސް ވިދާޅުވީ، ރައީސްކަން ކުރައްވާފައިވާ ފަސް ބޭފުޅަކަށް ސަރުކާރުން، އަހަރަކު 20 މިލިއަން ރުފިޔާ ހޭދަކުރާ ކަމަށެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން އިނާޔަތްތައް ލިބިގެން ދިރިއުޅެމުން އަންނަ ބައެއްކަމަށާއި މިއީ ވަރަށް މުހިއްމު ބިލެއްކަމަށް ވެލިދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
“އަޅުގަނޑުގެ މުސާރައަކީ 79،700 ވަރަކަށް ރުފިޔާ. 82،500ރ ޓެކްސްއަށް ކަނޑާ. ގޭގެ ރެންޓު 25،000ރ. އެއް އަނބި ހުރީ ވިއްޔާ، އެ އަނބިމީހާއަށް 15،000ރ ދީފައި ދެން ކޮންމެ ދުވަހަކު ކޮފީއަށް 500 ނޫނީ 1000ރ ދިޔައީމަ އަތަކު ނޯވޭ އެއްވެސް އެއްޗެއް.” މެންބަރު އައްބާސް ވިދާޅުވިއެވެ.
މީގެއިތުރުން އައްބާސް ވިދާޅުވީ، މެންބަރުގެ އިނާޔަތްތައް ވެސް ކުޑަ ކުރަންވީ ކަމަށާއި އެއްވެސް އެއްޗެއް ނުދިން ނަމަވެސް ރައްޔިތުންގެ ހައްޤުގައި މަޖިލީހުގައި މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މަޖިލީހަށް އެފަދަ ބިލެއް ހުށަހަޅައިފިނަމަ އެކަމަށް %100 ތާއީދު ކުރައްވާނެކަމަށް މެންބަރު މުޙައްމަދު އައްބާސް ވިދާޅުވިއެވެ.
މިއަދު މަޖިލީހުން ވަނީ ކުރީގެ ރައީސުންނަށް ސަރުކާރުންދޭ އިނާޔަތްތައް ކުޑަ ކުރުމުގެ ބިލް ފާސްކޮށްފައެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝާހިދެވެ.

