
ކުރީގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ކޮންމެ މަހަކު ދޭ އިނާޔާތްތަކުގެ ތެރެއިން، އޮފީސް ހިންގުމުގެ ހަރަދު އުނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރިން ކުރައްވާފައިވާ ބޭފުޅުންނަށް މާލީ އިނާޔާތެއް ދިނުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ އިނާޔަތްތަކާބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
އެ ގާނޫނަށް އޭނާ ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އޮފީސް ހިންގަން މަހަކު ދޭ 175،000ރ. އުނިކުރުމަށެވެ.
އަދި ކުރީގެ ރައީސުން ރާއްޖޭން ބޭރުގައި ދިރިއުޅުއްވާނަމަ، އެ ބޭފުޅުންނަށް ސަލާމަތާއި ރައްކާތެރިކަން ދޭން ނުޖެހޭނެ ކަމަށާއި، ދައުލަތުގެ އެހެން މަގާމެއް ފުރުއްވާނަމަ، މަހަކު ދޭ 50،000ރ. ގެ މާލީ އިނާޔަތް ވެސް ދޭން ނުޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ.
ބިލުގައި އިތުރަށް ވަނީ ނައިބް ރައީސްކަން ކުރިން ކުރެއްވި ބޭފުޅުންނަށް ކޮންމެ މަހަކު 25،000ރ. ދިނުމަށް ހިމަނާފަ އެވެ. އަދި، އެބޭފުޅުންނަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ބޭސްފަރުވާ ހަމަޖައްސައި ދޭން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ޝާހިދު ވިދާޅުވެފައި ވަނީ މި ބަދަލާއެކު އަހަރަކު 10.5 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތް ވާނެ ކަމަށެވެ.

