
އާންމުންގެ ބޮޑު ތަރުހީބަކާއިއެކު އޮލިމްޕަސް ސިނަމާގައި ހައުސްފުލް ޝޯވތަކެއް ދެއްކުމަށްފަހު ދިވެހި ފިލްމު “ލިލީ” ގެ ވަދާއީ ޝޯވތައް ފަށައިފި އެވެ.
މިމަހުގެ 20 ވަނަ ދުވަހު ރިލީޒްކުރި “ލިލީ” ގެ ވަދާއީ ޝޯތަކަށް މިހާރު ވަނީ ޓިކެޓު ވިއްކަން ފަށައިފަ އެވެ. އެއީ އަންނަ ހޮނިހިރު ދުވަހުގެ ދެ ޝޯޥ އާއި އާދިއްތަ ދުވަހުގެ ރޭގެ ޝޯވ އެވެ. ފިލްމުގެ ޓިކެޓު ވިއްކަމުން ދަނީ އޮލިމްޕަސް ކައުންޓަރުގެ އިތުރުން 7505079 ގެ ވައިބާ މެދުވެރިކޮށެވެ. މީގެ އިތުރުން އެފިލްމުގެ ރަސްމީ ވެބްސައިޓު www.book.lilythemovie.com އިންވެސް ޓިކެޓު ގަނެވޭނެ އެވެ.
މިރޭވެސް މި ފިލްމުގެ ދެ ޝޯވއެއް ދައްކާނެ އެވެ. އެއީ ރޭގަނޑު 8:30 ގެ ޝޯވއާއި 11:30 ގެ ޝޯވ އެވެ. މާދަމާ ތިން ޝޯވއެއް ދައްކަން ހަމަޖެހިފައިވާއިރު ރޭގަނޑު 8:30 ގެ ޝޯވ މިހާރު ވަނީ ހައުސްފުލް ވެފަ އެވެ. މެންދުރު ޝޯވއާއި ދަންވަރު ޝޯވގެ ޓިކެޓު މިހާރު ދަނީ ވިކެމުންނެވެ.
އަޒްހާން އިބްރާހިމް ލިޔެ، ޑައިރެކްޓުކޮށް މުހައްމަދު އަރީހް ޕްރޮޑިއުސްކޮށްފައިވާ “ލިލީ” އަކީ ގެވެށި އަނިޔާގެ ސަބަބުން އުފެދި ބޮޑުވާ އިޖުތިމާއީ މައްސަލަތަކެއްގެ މައްޗަށް އަލިއަޅުވާލައި އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން ގެ އިތުރުން މަރިޔަމް ޝިމާ ހިމެނެ އެވެ. މީގެ އިތުރުން އަހުމަދު ނިމާލް، މަރިޔަމް ހަލީމް އަދި އަލީ ފާރޫގުވެސް މުހިންމު ރޯލަކުން ފެނެ އެވެ.
ލިލީގެ މިހާތަނަށް ދެއްކި ހުރިހާ ޝޯވއެއްވެސް ވަނީ ހައުސްފުލް ވެފަ އެވެ. މިހާރު އަތޮޅު ތެރޭގައިވެސް މި ފިލްމު ވަނީ ދައްކަން ފަށައިފަ އެވެ.

