
މިދިޔަ އޭޕްރީލް މަހު މާލޭގެ ގެެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު ހާދިސާއާ ގުޅިގެން ޒުވާނުންތަކެއް މާލޭގައި ކުރި ސިލްސިލާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ކުރީގެ ޔޫތުގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ނިންމައިފި އެވެ.
މަހުޒޫމްއާއި ޝިމަން ހައްޔަރުކުރީ މިދިޔަ މޭ މަހުގެ ކުރީކޮޅު އެވެ. އަދި އެ މީހުންގެ ބަންދުގެ މުއްދަތުވެސް އޭރު ޖެހި އެވެ.
އަދި ޖިނާއީ ކުށުގެ އަމަލުތަކެއް ހިންގަކަމަށް ބުނެ އެ ދެ މީހުންގެ މައްޗަށް މިދިޔަ ޖޫން މަހު ދެ ދައުވާއެއް އުފުލި އެވެ.
އެގޮތުން ގައިގައި އަތްލުމުގެ ކުށުގެ ދައުވާ މަހުޒޫމްގެ މައްޗަށް ކުރިއިރު ޝިމަންގެ މައްޗަށް ކުރީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ.
އެހެން ނަމަވެސް ޕީޖީ އޮފީހުން މިއަދު ބުނީ އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.
އެއީ އެ މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި އެ ދެ މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީއާއި އެކު ދެ މީހުންގެ ކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބާއި، މައްސަލައިގެ ހާދިސާގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް ނިންމި ނިންމުމެއް ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

