
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އަނބުރާ ގެންގޮސްފި އެވެ.
އާޒިމާގެ މައްޗަށް އުފުލީ މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ. އެއީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށް ކުރީގެ ޔާމީން އަބްދުﷲ ޔާމީންގެ އެކައުންޓަށް ވަން ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގަ އެވެ.
އެގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ވަކި އެކައުންޓަކަށް ޖަމާކުރުމަށް އާޒިމާ ލަފާ ދެއްވައިފައިވާ ކަމަށާއި ދޮގު މައުލޫމާތު ދިން ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ. މި ތުހުމަތުތައް ދައުލަތުން ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހިންގި ތަހުގީގަށް ހަގީގަތާ ޚިލާފު މައުލޫމާތަކެއް އާޒިމާ ދެއްވައިފައިވާ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވެސް ކުށް ސާބިތުވާ ކަމަށް ނިންމި ނަމަވެސް ސުޕްރީމް ކޯޓުން ހުކުމްކުރީ ޔާމީންގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ. އަދި ޔާމީންގެ އެކައުންޓަށް ވަން ފައިސާއަކީ ދައުލަތުގެ ފައިސާ ކަން ވެސް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.
އެ ހުކުމް ކުރިތާ ފަސް އަހަރެއްހާ ދުވަސް ފަހުން ޕީޖީ އޮފީހުން ވެސް މިއަދު ބުނީ އާޒިމާގެ މައްޗަށް ތުހުމަތުކުރާ އަސްލު މައްސަލަ ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާތީ އޭނާގެ މައްޗަށް އެ މައްސަލާގައި އުފުލާފައިވާ ދައުވާ އަނބުރާ ގެންދަން ނިންމީ ކަމަށެވެ.

