
ފުލުހުންގެ އޮޕަރޭޝަން “އަލިމަގު”ގެ ދަށުން 110 މީހުން ހައްޔަރުކޮށް، 29.68 ކިލޯގްރާމްގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މި މަހުގެ 13 ވަނަ ދުވަހު ފެށި މި އޮޕަރޭޝަންގައި 500 ފުލުހުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކޮށްފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ ރާއްޖޭގެ 39 ރަށެއްގައެވެ. މަސްތުވާތަކެތި ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމަށް އަމާޒުކޮށްގެން ހިންގި މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ވެސް ވަނީ ހޯދައިފައެވެ.
މަސްތުވާތަކެތި ހޯދުމަށް ހިންގި މި ބޮޑު މަސައްކަތުގައި 105އަށް ވުރެ ގިނަ ތަންތަން ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. މީގެ އިތުރުން މަސްތުވާތަކެތި އުފުލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ކަނޑު އުޅަނދަކާއި އެއްގަމު 9 އުޅަނދެއް ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.

