
ޑެންގޫއާއި އިންފުލުއެންޒާ ހަލުވިކަމާއެކު ފެތުރޭތީ ސަމާލުވުމަށް ކުޑަކުދިންގެ ޚާއްޞަ ޑރ. އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޑރ. ފައިސަލް ވިދާޅުވީ، ބައެއް ކުދިން ގައިގައި ރިއްސާ ނުހިނގޭ ވަރުވާކަމަށާއި ބައެއް ކުދިންގެ ޙާލު ސީރިއސްވާކަމަށެވެ. އަދި މި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ޑޮކްޓަރު ވަނީ އިރުޝާދު ދެއްވާފައެވެ.
މީގެއިތުރުން ޑޮކްޓަރު ވިދާޅުވީ، ހިންމަފުށި އަދި މާފުށިން ޑެންގޫ ޖެހިގެން ޑޮކްޓަރަށް ދައްކާ ކުދިން ގިނަކަމަށެވެ. އަދި މަދިރި ހެފުމުން ރައްކާތެރިވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސްކުރައްވާފައެވެ.
ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއްކަމުން މަދިރި އާލާވުމަށް މެދުވެރިވާ ހުރިހާ ކަމަކަށް ރައްކާތެރިވުން މުހިންމެވެ. އޭގެތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަން، ފެން ނޭޅޭ ގޮތަށް ބަންދު ކުރުމާއި، ވިހާވެސް ބޮޑަށް ހަށިގަނޑު ނިވާވާނެހެން ފޭރާންލުމާ އަދި މަދިރި ގިނަވާ ވަގުތު ތަކުގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން މުހިންމެވެ.

