
ދަންވަރު ވަގުތަކީ އާންމު ގޮތެއްގައި މީހާއަށް ބަނޑުހައިހޫނުކަން އިހުސާސް ކުރެވޭ ވަގުތެކެވެ. ހާއްސަކޮށް ނިދިން ހޭލެވޭއިރު ބަނޑުހައިކަން އިހުސާސް ކުރެވޭނަމަ އަލުން ނިދަން ވަރަށް އުނދަގޫވެ އެވެ.
އެހެންވަނީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލަށް އޮތް ފުރަތަމަ ޖަވާބަކީ ދުވާލު ގަޑީގައި ރަގަޅަށް ނުކެވުމެވެ. ނިއުޓްރިޝަނިސްޓުން ބުނާ ގޮތުގައި، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ދުވާލު ގަޑީގައި ކާނާ ލިބޭނަމަ ދަންވަރު ބަނޑުހައިކަން އިހުސާސް ކުރެވޭނީ ވަރަށް ކުޑަކޮށެވެ.
ހަށިގަނޑުގައި ބްލަޑް ޝުގާ މަދުވުމަކީ ވެސް ދަންވަރު ބަނޑުހައިވެދާނެ ކަމެކެވެ. ރަގަޅަށް ނުކާނަމަ، ހަށިގަނޑުގެ ގުލުކޯޒް ދަށްވެ، ނިދިން ހޭލެވޭ ވަގުތު ބަނޑުހައިކަން އިހުސާސް ކުރެވޭނެ އެވެ. ނިދުމުގެ ކުރިން ޕްރޮޓީން އާއި ކާބްސް ހިމެނޭ ކުޑަ ސްނެކެއް ކާލުމުން އެކަމަށް ހައްލު ލިބިގެން ދާނެ ކަމަށް ނިއުޓްރިޝަނިސްޓުން ބުނެ އެވެ. އެގޮތުން ދޮންކެޔޮ ނުވަތަ ހޯލް-ވީޓް ޓޯސްޓެއްފަދަ އެއްޗެއް ކާލުން ރަގަޅެވެ.
ދަންވަރު ބަނޑުހައިދެވާނެ އަނެއް ސަބަބަކީ ނިދުމުގެ ކުރިން ހަށިގަނޑަށް އެއްވެސް ކަސްރަތެއް ނުލިބުމެވެ. ކަސްރަތު ކުރުމުގެ ކުރިން ނުވަތަ އޭގެ ފަހުގައި ގިނައިން ޕްރޮޓީން އެކުލެވޭ މީލްއެއް ނަގާނަމަ ނިދުމަށް ވެސް ފަސޭހަވެ އެވެ.
އެހެންކަމުން ދަންވަރު ބަނޑުހައިވާ ފަރާތްތަކުން މިކަންކަމަށް ވިސްނާލުން މުހިންމެވެ.

